ރައީސް މުހައްމަދު ނަޝީދު

ގައިދީންގެ އަދަބު ލުއިކޮށްދެވޭނެ ގޮތެއް ބަލަން ރައީސް ނަޝީދު އަންގަވައިފި

ޖަލުގައި ތިބި ގައިދީންގެ އަދަބު ލުއިކޮށްދެވޭނެ ގޮތެއް ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފި އެވެ.

މަޖިލީހުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ މަޖިލީހަށް މިހާރު އެންމެ ގިނައިން ލިބޭ ސިޓީ ތަކުގެ ތެރޭގައި އަދަބު ލުއިކުރުމަށާއި މާފުކޮށް ދިނުމަށް އެދި ޖަލުގައި ތިބޭ ގައިދީން މަޖިލީހަށް ސިޓީ ފޮނުވާ ސިޓީތައް ހިމެނޭ ކަމަށެވެ.

މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސް ހުށަހަޅާ ފޯމް ހުށަހެޅުމަށްފަހު ޖަވާބެެއް ނުލިބި ލަސްވަމުންދާތީ އެކަން ޖުޑީޝިއަރީ ކޮމެޓީން މިދިޔަ އަހަރު ފަހުކޮޅު މަޖިލީހުން ވަނީ ފާސްވެސްކޮށްފަ އެވެ. އެ ރިޕޯޓްގައި އިސްލާހުކުރަން ލަފާދިފައިވާ ކަންކަން ކަމާބެހޭ ފަރާތްތަކަށް ސިޓީން ފޮނުވިޔަސް އެކަންކަމަށް އަމަލީ ސިފައެއް އަންނަމުންނުދާތީ އެތައް ބައެއްގެ ކަންބޮޑުވުން ހުރިކަން ރައީސް ނަޝީދު މިއަދު ފާހަގަކުރެއްވި އެވެ.

އެހެންވެ އެ މައްސަލަތައް ބަލަން ރައީސް ނަޝީދު މިއަދު ވަނީ ޖުޑީޝިއަރީ ކޮމެޓީއަށް އަންގަވައިފަ އެވެ. އަދި އޭގެ އެންމެ ފުންމިނަކަށް އެކަން ކޮމެޓީން ދިރާސާ ކުރުމަށްފަހު އެންމެ ފަހު މީހާއަށްވެސް ވެގެން އުޅޭ ގޮތް ބެލުމަށް ފަހު ސަރުކާރަށް ލަފާ ދިނުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.

" އަޅުގަނޑު ހިތުން ކޮމެޓީން މިހާރު ހިންގާން ޖެހިފައިވާ މަސައްކަތަކީ ޖަލުގައި ނުވަތަ ހުކުމްގައި ތިއްބެވި ހުރިހާ ފަރާތެއް ހޯއްދަވައި އެމީހުންގެ ކުށަކޯ ކޮބައިތޯ ހުކުމަކީ ކޮބައިތީ ވަނަވަރަކީ ކޮބައިތޯ އަފްއާމަށް އެދިފަވާ އިމަކީ ކޮބައިތޯ އަދަބު ލުއިކުރައްވަން އޮއްތޯ ޖުޑީޝިއަރީ ކޮމެޓީން އޭގެ އެއްމް ފުންމިނަކަށް ދިރާސާ ކުރެއްވުން" ރައީސް ނަޝީދު ވިދާޅުވި އެވެ.