ރައްޔިތުންގެ މަޖިލީހުގެ ސުލޫކީ ކޮމެޓީއަށްވެސް އަދި މަޖިލީހުގެ ތަޅުމަށް ހާޒިރުވާންވެސް ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ބިރު ދައްކަމުންދާ ކަމަށް މަލީހު ކުރެއްވި ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުކުރަން މަލީހު މަޖިލީހުގެ އިމްތިޔާޒް ކޮމެޓީއަށް ހާޒިރުކުރަން ވަނީ ނިންމާފައެވެ.
މަލީހު މަގާމުން ދުރުކުރުމަށް ދާދި ފަހުން މަޖިލީހުގައި ކުރިއަށް ދިޔަ ވޯޓުގައި ޖަވާބުދާރީ ވުމުގެ ތެރޭގައި އޭނާ ވިދާޅުވީ ވަޒީރުންނަށް ބިރު ދައްކަވަމުންދާ ކަަމަށާއި އޭގެ ހެއްކަަކަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ އިސްތިއުފާ ދޭން މަޖުބޫރުކުރި ކުރަން ފުދޭ ކަަމަށެވެ. މަލީހުގެ ތުހުމަތުތަކާ ހިތްޕުޅާ ހަމަނުވެ ރައީސް ނަޝީދު އެ ދުވަހު ވަނީ މަލީހު މަޖިލީހުގައި އިތުރުފުޅު ހައްދަވާ ކަަމަށް ތުހުމަތުކުރައްވައި މަލީހުގެ މައްސަލަ އިމްތިޔާޒް ކޮމެޓީއަށް ފޮނުވާނެކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން އެކަން ސާބިތުވެއްޖެނަމަ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްއަށް ފޮނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މަލީހުގެ ތުހުމަތުތަކަކީ މަޖިލީހުގެ އިމްތިޔާޒްތަކުގެ ބާރާއި އިމްތިޔާޒްތަކުގެ އިތުރަށް ގަދަރަށް އުނިކަން ލިބޭފަދަ ކަމެއް ކަަމަށް ވިދާޅުވެ އެ މައްސަލަ އިމްތިޔާޒް ކޮމެޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.
މަލީހުގެ ތުހުމަތުތަކާ ހިތްޕުޅާ ހަމަނުވެ ރައީސް ނަޝީދު ވިދާޅުވީ މަލީހު މަޖިލީހުގައި އިތުރުފުޅު ހެއްދެވިކަން ސާބިތުވެއްޖެނަމަ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްއަށްވެސް ފޮނުވާނެ ކަމަށެވެ.
މިއަދު އިމްތިޔާޒް ކޮމެޓީން އެކަމާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ފުރަތަމަ ބަހުސްގައި އެ މައްސަލައިގައި މަލީހު ހާޒިރުކޮށް ސުވާލުކުރަން ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން އެވެ. އަދި މަލީހުގެ ތުހުމަތުތަކަކީ ކޮން އަސާސެއްގެ މައްޗަށް ކުރާ ތުހުމަތެއްތޯ ބަލަައި ސާފު ކުރަން އޭނާ އެދިވަޑައިގެންނެވެ.
ވަޒީރުންނަށްނަށް ބިރު ދައްކަނީ ކޮންގޮތަކުންތޯއާއި އޭގެ ތަފްސީލް ދިނުމަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގި ދުވަހުވެސް މަލީހުގެ އަރިހުން ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ. ނަމަވެސް މަލީހަށް ވާހަކަފުޅު ދައްކަން ލިބިވަޑައިގެންނެވި ވަގުތު މާ މަދުކަމަށް ވިދާޅުވި އޭގެ ތަފްސީލަކަށް ވަޑައިގެން ނުގެންނެވި އެވެ.
ކޮމެޓީއަށް ހާޒިރުކުރަން ނިންމުމާއި ގުޅިގެން މަލީހު ވިދާޅުވީ ސުލޫކީ ކޮމެޓީއަށްވެސް އަދި މަޖިލީހުގެ ތަޅުމަށް ހާޒިރުވާންވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. އެކަމަށް ތައްޔާރުވެވަޑައިގެންނެވުމަށް ބޭނުންފުޅުވަނީ އެންމެ ފަސް މިނެޓް ކަމަަށް ވިދާޅުވެ މަލީހު ވަނީ މަޖިލީހުން ދައްކާ ބިރަށް ކުޑަކޮށްވެސް ޖެހިލުންވެވަޑައިނުގަންނަވާ ކަމަށެވެ.
"ސުލޫކީ ކޮމެޓީ ކީއްކުރަންތޯ، މަޖިލީހުގެ ތަޅުމަށް އަނެއްކާ ހާޒިރުވާން އެންގިޔަސް ހަމަ ތައްޔާރަށް މިހުރީ. ތައްޔާރުވެގެން ދާން ބޭނުންވަނީ އެންމެ ފަސް މިނެޓް. ތިބޭފުޅުންނަށް [މަޖިލިސް] ބިރު ދެއްކޭނީ އެހެން މީހުންނަށް. އަޅުގަނޑު ކުޑަކޮށްވެސް ޖެހިލުމެއް ނުވޭ. ޑަރުވެސް ހިތަށް ނާރާ،" މިނިސްޓަރު ކަމުގައި ހުންނަވައިގެންވެސް މަޖިލީހުގެ މެންބަރުންނަށް ޓްވިޓާގައި ފާޅުގައި ފާޑުވިދާޅުވި މަލީހު ވިދާޅުވިއެވެ.