ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވްވި ހައިރިސްކް 100 މީހަކު ފެސިލިޓީތަކަށްދާން ދެކޮޅު

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ހައިރިސްކް 100 މީހަކު އައިސޮލޭޝަން ފެސިލިޓީތަކަށް ދާން ދެކޮޅު ހަދަމުންދާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައި މޮނިޓަރިން ކްލަސްޓާގެ މައުލޫމާތު ދެމުން ސަނާ ސަލީމް ވިދާޅުވީ ހޯމް އައިސޮލޭޝަންގައި މިވަގުތު 1،516 މީހަކު އެބަތިބި ކަމަަށެވެ. އޭގެ ތެރެއިން 1،400 މީހުންނަކީ ހޯމް އައިސޮލޭޝަންގައި ތިބުމުގެ ޝަރުތު ފުރިހަމަވާ މީހުން ކަމަށެވެ.

ސަނާ ވިދާޅުވީ ފެސިލިޓީތަކަށް ދާން ދެކޮޅު ހަދާ މީހުންވެސް ހޯމް އައިސޮލޭޝަންގައި އެބަތިބި ކަމަށާ އޭގެ ތެރޭގައި ހައި ރިސްކް 100 މީހުން ހިމެނޭ ކަމަށެވެ. އަދި ހާލަތު ގޯސް ނޫން ނަމަވެސް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ ހާލަތަށް ގޮސްދާނެ 11 މީހަކުވެސް ހޯމް އައިސޮލޭޝަންގައި އެބަތިބި ކަމަށެވެ.

ހޯމް އައިސޮލޭޝަންގައި ތިބި އެންމެންގެ ހާލުވެސް ބަލަމުން ގެންދާ ކަމަށާ ކޮންމެ ދުވަހަކުވެސް އެ މީހުން ހާލަތު ވަޒަން ކުރަމުން ގެންދާ ކަމަަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކެއާ ޓެގް އަޅުވާފައިވާ 350 ޕޭޝަންޓަކުވެސް ގެންދަނީ މޮނިޓަރު ކުރަމުންނެވެ. ކެއާ ޓެގްގައި ތިބި ބައެއް މީހުން ފެސިލިޓީތަކުގައި އަދި ގޭގައިވެސް އެބަތިއްބެވެ. ކެއާ ޓެގް އަޅުވަނީ ކޮވިޑަށް ޕޮޒިޓިވްވާ އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ދާއިމީ ބަލިތަކަށް ބޭސް ކުރަމުންދާ މީހުން އަދި އުމުރުން 10 އަހަރުން ދަށުގެ ކުދިންގެއެވެ. އެ މީހުންގެ ހާލަތު ކޮންމެ ދުވަހަކުވެސް ބަލަމުން ގެންދާ ކަމަށް ވިދާޅުވެ މިދިޔަ 14 ދުވަހުގެ ތަފްސީލް ސަނާ ވަނީ ހިއްސާކޮށްފައެވެ.