ދުނިޔެ

މުސްލިމް ބޭން: ވިސާ ނުލިބުނު މީހުނަށް ފުރުސަތު

އެމެރިކާއަށް މުސްލިމުން އެތެރެވުމާ ދެކޮޅަށް ޓްރަމްޕް ސަރުކާރުން ގެންގުޅުއްވި 'މުސްލިމް ބޭން' ސިޔާސަތުގެ ސަބަބުން ވިސާލިބިފައި ނުވާ މީހުން ވިސާއަށް އަލުން އެދުމަށް ސްޓޭޓް ޑިޕާޓަމަންޓުން ފުރުސަތުދީފި އެވެ. މިސިޔާސަތުގެ ސަބަބުން އެމެރިކާއަށް އެތެރެވުން 13 ގައުމަށް މަނާވެފައި އޮތެވެ.

ރައިސް ޖޯ ބައިޑަން ވެރިކަމާ ހަވާލުވަޑައިގެން، ޖެނުއަރީ 20 ގައި އެންމެ ފުރަތަމަ އުވާލެއްވި ސިޔާސަތުތަކުގެ ތެރޭގައި ޓްރަމްޕްގެ 'މުސްލިމް ބޭން' ހިމެނެ އެވެ. ބައިޑަން ވިދާޅުވީ "މިއީ ބޮލެއް ހުރި ބަޔަކު ކުރާނެ ކަމެއް ނޫން" ކަމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ނެޑް ޕްރައިސް ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ޖެނުއަރީ 20، 2020 ގެ ކުރިން ވިސާއަށް އެދި ލިބިފައިނުވާ މީހުން ފޯމް އަލުން ހުށަހެޅުމަށާއި ޖެނުއަރީ 20، 2020 ގެ ފަހުން ވިސާލިބިފައި ނުވާ ނަމަ ފޯމް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. އަދި ފީއެއްވެސް ދައްކަން ނުޖެހޭނެ ކަމަށެވެ.

ޖޯ ބައިޑަން އެމެރިކާގެ ރައީސްކަމާ ހަވާލުވަޑައިގެން މަސައްކަތްކުރައްވަނީ ޓްރަމްޕް ސަރުކާރުގެ ސިޔާސަތުތަކާ ހެދި އެމެރިކާއަށް ގެއްލިފައި ހުރި ފުރުސަތުތައް އަލުން ހޯއްދެވުމަށާއި ގެއްލިފައިވާ އިހްތިރާމް އަލުން ހޯއްދެވުމަށެވެ.

ޓްރަމްޕް ވެރިކަމުގައި އެމެރިކާއަށް މުސްލިމުން އެތެވުން މަނާކުރުމަށް ފަހު ޗައިނާ، މިއަންމާ ނޯތު ކޮރެއާ އަދި ވެނެޒުއެލާ ފަދަ ގައުމުތަކަށް ވެސް ވަނީ ވިސާ ތާށިކޮށްފަ އެވެ. އަދި އިރާން، ސޮމާލިއާ ސޫދާން، ސީރިއާ ތަންޒޭނިއާ، ލީބިއާ އަދި ނައިޖީރިއާ ފަދަ ބައެއް ގައުމުތަކަށް ވަނީ މުޅިން މަނާކޮށްފަ އެވެ.