ޒަހާ ވަހީދު

ޒަހާގެ އިތުބާރު ނެތް ވޯޓް މަޖިލީހަށް ވައްދައިފި

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން މަޖިލީހަށް މައްސަލަ ހުށައަޅައިފި އެވެ. އެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެންބަރުން ސޮއިކުރައްވައެވެ.

ދިހަ މެންބަރުން ސޮއިކުރައްވާ ހުށައެޅުއްވި އިތުބާރު ނެތްކަމުގެ މައްސަލާގައި ބުނެފައިވަނީ މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދި، އަދި މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާ ނުދެވި މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ނުހަދާ މަސްވެރިކަމުގެ ސިނާއަތުން ނެރެވޭ ފައިދާ ބޮޑު ކުރެވިފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް ދިވެހި މަސްވެރިންނަށް ޔަގީން ކޮށްދިނުމަށްދީ، ކަންނެލި ޖަގަހަތަކާއި ގޭދޮށު ފެކްޓްރީތައް ގާއިިމު ކުރުމަކީ މި ސަރުކާރުން ވެފައިވާ ވައުދުތަކެއް ނަމަވެސް އެ ވައުދުތައްވެސް ފުއްދިފައިނުވާ ކަމަށެވެ.

އެހެން ކަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދާނުކުރެވޭތީ އެކަމަަނާ މަގާމުގައި ހުންނެވުމަކީ މަސްވެރިންނާއި މަސްވެރި އާއިލާތަކަށްވެސް އިތުރު ނިކަމެތި ކަމެއް ލިބޭނެ ކަމެއް ކަމަށްވާތީ ޒަހާގެ އިތުބާރު ނެތް މައްސަލަ ހުށައަޅާ ކަމަށެވެ.

އިތުބާރު ނެތް މައްސަލާގައި ސޮއިކުރެއްވި މެންބަރުން

  • އަހުމަދު ސަލީމް - އޭދަފުށީ ދާއިރާ
  • އާދަމް ޝަރީފް - މަޑުއްވަރީ ދާއިރާ'
  • އަހުމަދު ޝިޔާމް - ނައިފަރު ދާއިރާ
  • މުހައްމަދު ޣައްސާން މައުމޫން - ގުރައިދޫ ދާއިރާ
  • މުހައްމަދު ސަައީދު - މާވަށު ދާއިރާ
  • އިބްރާހިމް ރިޒާ - ގުރައިދޫ ދާއިރާ
  • ހުސައިން މުހައްމަދު ލަތީފް - ފަރެސްމާތޮޑާ ދާއިރާ
  • އަހުމަދު ތޯރިގް - މަހިބަދޫ ދާއިރާ
  • އިބްރާހިމް ފަޒުލް ރަޝީދު - ފެލިދޫ ދާއިރާ
  • އަބްދުﷲ ޖާބިރު - ކާށިދޫ ދާއިރާ

ޒަހާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައަޅާފައިވާއިރު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުންގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ އެއް މިނިސްޓަރަކީވެސް ޒަހާ އެވެ. މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ކަމާމެދު އެމްޑީޕީގެ ބައެއް މެންބަަރުން ތަކުރާރުކޮށް ސުވާލު އުފައްދާފައިވެއެވެ. އަދި ޒަހާގެ އިސްތިއުފާއަށްވެސް އެމްޑީޕީގެ މެންބަރުން މީގެ ކުރިން ގޮވާލާފައިވެއެވެ.