އައިޝަތު ނަހުލާ

މިނިސްޓަރު ނަހުލާއަށް ފުރިިހަމަ އިތުބާރު އެބައޮތް: ރައީސް

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ މައްސަލަތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލުގައި ރައީސް ސޯލިހް ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީގައި ނުގަވައިދުން ކަންތައްތައްތައް ހިނގާކަން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެގޮތުން 18 ވެހިކަލެއް ފޯޖްޑް ޑޮކިއުމަންޓް ބޭނުންކޮށްގެން ރަޖިސްޓްރީކުރުމުގެ މައްސަލަތައް ފެންމަތިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އެކަންކަން ވަރަށް ޒިންމާދާރު ކަމާއެކު މިނިސްޓަރު އިސްނަންގަވައިގެން ބައްލަވަމުންދާކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. ވިދާޅުވީ އެ މައްސަލަ ފުލުހުންނަށާ އޭސީސީއަށްވެސް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

" ޓްރާންސްޕޯޓް މިނިސްޓަރަކީ ހަމަ ވަރަށް ބުރަަކޮށް މަސައްކަތް ކުރައްވާ އަޅުގަނޑުމެންނަށް އިތުބާރު ހުރި މިނިސްޓަރެއް" ރައީސް ސޯލިހް ވިދާޅުވި އެވެ.

ޓްރާންސްޕޯޓްގެ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ޓްރާންސްޕޯޓް އޮތޯރިޓީއާއި ޓްރާންސްޕޯޓް
މިނިސްޓްރީގެ މެންޑޭޓްގައި ފުށުުއެރުންތައް ހުރުމެވެ. އެކަން ހައްލުކުރަން އެ އޮތޯރިޓީ އުވާލައި އޭގެ ބާރުތައް މިނިސްޓްރީއަށް ބަދަލުކުރަން މިހާރު އޮތީ ހުށަހަޅައިފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް މުހިންމު ހިދުމަތްތައް ލަސް ކަމަށް ރައީސް އެއްބަސްވެވަޑައިގެންނެވި އެވެ. ވިދާޅުވީ އެކަންކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި މެންޑޭޓްއަށް ގެނެވޭ ބަދަލާއެކު އެކަންކަން ހިމެނުމުން މައްސަލައަށް ހައްލުއައި ބޮޑު ބަދަލުތަކެއް އަންނާނެކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.