ވިލުފުށި

ވިލުފުށީގައި އެއާޕޯޓް އަޅަން ހަ ފަރާތަކުން ޝައުގުވެރިވެއްޖެ

ތ. ވިލުފުށީގައި އެއާޕޯޓް އެޅުމަށް ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ވިލުފުށި ހިމެނޭހެން ހަތަރު ރަށެއްގައި އެއާޕޯޓް އަޅައިދޭން، ޝައުގުވެރިވާ ފަރާތްތައް ހޯދަން މިނިސްޓްރީ އޮފް ފިނޭންސް އިއުލާނު ކޮށްފައިވަނީ ޖަނަވަރީ 29، 2021 ގައެވެ. ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން، ބ. ތުޅާދޫ އާއި ތ. ވިލުފުއްޓާއި ށ. ބިލަތްފަހީގެ އިތުރުން ހދ. މަކުނުދޫގައި އެއާޕޯޓް އަޅަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ދައުވަތު ހުޅުވާލިއިރު މި މަސައްކަތްތަކަށް އީއޯއައި ހުށަހަޅާއިރު އެއް އެއް ފަރާތަކުން އެއަށްވުރެ އެއް އެއާޕޯޓަށްވުރެ ގިނަ އެއާޕޯޓަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

ތ އަތޮޅުގެ އެމްޑީޕީ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ރޭ ބޭއްވި އެމްޑީޕީގެ ރަށްވެހި ފަތިސް އޮންލައިން ބައްދަލްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ވިލުފުށީގައި އެއާޕޯޓް އެޅުމަށް ޝައުގުވެރިކަަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލުމުން މިހާތަނަށް ހަ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. މިހާރު ކުރަމުން ދަނީ ޝޯޓް ލިސްޓް ކުރުމުގެ މަސައްކަތް ކަމަށާ ވަރަށް އަވަހަށް އެ މަސައްކަތް ހަވާލު ކުރާނެ ކުންފުންޏެއް ނިންމާނެ ކަމަށެވެ. އެ މަސައްކަތް ބާރު ސްޕީޑްކުރިއަށްދާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ވިލުފުށީ ކެންޑިޑޭޓުންނަށް ދެއްވާފައެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނެޓުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ. އަދި މިއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ގެންގުޅުއްވި ޕޮލިސީ އެކެވެ. މި މަގުސަދުގައި ގިނަ އަދަދެއްގެ ޑޮމެސްޓިކް އެއާޕޯޓުތަކެއް މިދިޔަ ސަރުކާރުން އެޅި އެވެ. މިހާރު ރާއްޖޭގައި ތިން އިންޓަނޭޝަނަލް އެއާޕޯޓާއެކު 14 އެއާޕޯޓެއް އެބައޮތެވެ.