ސަލްމާން ރަސްގެފާނު މިސްކިތް

ސަލްމާން މިސްކިތް ރޯދަމަހު ބޭނުންކުރަން ފެށޭތޯ ބަލަނީ

ސައުދީ ސަރުކާރުގެ އެހީގައި ހަދާފައިވާ ކިންގް ސަލްމާން މިސްކިތް ރޯދަ މަހު ބޭނުންކުރަން ފެށޭތޯ މަސައްކަތް ކުރަމުންދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ ކިންގް ސަލްމާން މިސްކިތް ހުޅުވަން ކުރިން ނިންމާފައި އޮތީ ސައުދީ ސަރުކާރުގެ އިސްބޭފުޅުންތަކެއް ވަޑައިގެން އެ ބޭފުޅުން އެތަން ހުޅުވާ ގޮތަށް ކަމަށެވެ.

ނަމަވެސް ކޮވިޑާ ގުޅިގެން އެ ބޭފުޅުން ރާއްޖެ ވަޑައިގަންނަވާނެ ދަނޑިވަޅެއް އަދި ނުފެންނާތީ އެ މިސްކިތް އަދިވެސް ނުހުޅުވި އޮތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ނަމަވެސް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ނުރަސްމީކޮށްވެސް ކުރިއަށް އޮތް ރޯދަ މަސްތެރޭގައިވެސް އެތަން ބޭނުންކުރެވޭތޯ." ރައީސް ސޯލިހް ވިދާޅުވި އެވެ.

އެ މިސްކިތުގެ ހުރިހާ މަސައްކަތެއްހެން މިހާރު އޮތީ ގާތްގަނޑަކަށް ނިމިވެސް ވެފައެވެ.

ސައުދީ ސަރުކާރުގައި އެހީގައި ސަލްމާން ރަސްގެފާނު މިސްކިތް ބިނާކުރި ނަމަވެސް އެ މިސްކިތް ނުނިމި ދިގުލައިގެން ދިއުމުން މިސްކިތް ނިންމަން ސަރުކާރުންވެސް ފަހުން ބޮޑު ހޭދައެއް ކުރި އެވެ. އެކަން ރައީސްވެސް މިއަދު ފާހަގަކުރެއްވި އެވެ.