ކެބިނެޓްގެ ވަޒީރުންގެ އިތުބާރު ނެތް ކަމަށް ނިންމައި މަގާމުން ވަކި ކުރުމުގެ ކުރިން މަޝްވަރާ ކުރަން ޖެހޭ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ފުރަތަމަ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ނިންމިއިރު އެކަމާ ގުޅޭ ގޮތުން މިއީ ރައީސް ވާހަަކަ ދެއްކެވި ފުރަތަމަ ފަހަރު ވެސް މެއެވެ. މަލީހުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމި ހިސާބުން ފެށިގެން މަޖިލީހަށް އެ މައްސަލަ ހުށަހަޅައި މަލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެންގެވިއިރު ވެސް ރައީސް ހުންނެވީ ހަނުގަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފެނިއްޖަމަ އެކަން އެމަނިކުފާނަށް އަންގަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފެނި ވާޖިބު އަދާ ނުކުރާ ކަމަށް ޔަގީންވެއްޖެނަމަ އެ ވަޒީރަކު ވަކި ކުރައްވާނެ ކަމަުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.
"ދެންވެސް އަޅުގަނޑު އެދެނީ އެކަހަލަ ކަމެއް ކުރިމަތިވެއްޖިއްޔާ އަޅުގަނޑުމެންގެ އެތެރޭގައި މިއޮތް ނިޒާމުގެ ތެރެއިން އެކަމާ ގުޅޭގޮތުން މަޝްވަރާކުރެވެން ޖެހޭނެ. މިއީ އަލަކަށް ދިމާވި ކަމެއް ނޫން. ކުރީގަ 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަަމުގައި އޮތް އޮތް އިރުވެސް ޕާލަމަންޓްރީ ގްރޫޕުން ކިތަންމެ ފަހަަރަކު ނިންމި ވަޒީރުން ވަކިކުރަން. ހަމަ ޕާލަމަންޓްރީ ގްރޫޕްގައި ވޯޓު ނަގައިގެން ނިންމި. އެހެން ނަމަވެސް އޭރު އެ ކަންތައްތައް ހައްލުކުރީ އޭރުގަ ވެރިކަމުގަ ތިއްބެވި ބޭފުޅުންނާ މަޝްވަރާ ކޮށްގެން އިންޓާނަލް ކަމެއްގެ ގޮތުގައި. ދެންވެސް އެކަންތައްތައް ކުރިއަށް ގެންދަން ޖެހޭނީ އެގޮތަށް" ރައީސް ވިދާޅުވި އެވެ.
ކޯލިޝަނަކުން ވެރިކަމަށް އައި މި ސަރުކާރުގެ ވަޒީރު ކަމުގައި އަދިވެސް އެހެން ޕާޓީތަކުގެ ވަޒީރުން ތިއްބަވަ އެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީއާއި އަދާލަތާއި އެމްއާރުއެމްއަށް ނިސްބަތްވާ ވަޒީރުން ހިމެނިލައްވަ އެވެ. އެގޮތަށް އެކަން ގޮތަށް އޮތް ނަމަވެސް މިއީ ހަމަ އެއް ސަރުކާރެއްކަމަށް ރައީސް ވިދާޅުވި އެވެ.
"އެ ދަމަހައްޓަން ހުރިހާ ޕާޓީއަކުން ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ ބޭފުޅުން ވެސް މަސައްކަތް ކުރަންވާނެ
އެއީ ރައްޔިތުން ނިންމާފަ އޮތް ނިންމުމެއް." ރައީސް ވިދާޅުވި އެވެ.
މަލީިހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ހިސާބަށް ދިޔައިރު އެމަނިކުފާނު އަމަލުކުރެއްވި ގޮތް މިއަދު ރައީސް ވަނި ސާފުވެސް ކޮށްދެއްވައިފަ އެވެ. އެކަމުގައި މަލީހުއަށް ފެންނަ ގޮތެއް ބަލައި މަޝްވަރާކުރެއްވި ކަަމަށާއި އަދި މަޖިލީހަށް މަލީހު ހާޒިރުވެވަޑައިގަންނަން މަލީހު ނިންމެވި ނިންމުމަކީ ސީދާ މަލީހުގެ އަމިއްލަ ނިންމުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"މަލީހު ބޭނުންވީ މަޖިލީހަށް ވަޑައިގެން ދިފާއުކުރައްވަން. އަޅުގަނޑު އެހިން މަލީހު ބޭނުންފުޅުވަނީ ކިހިނެއްވަނީތޯ. މިހާރު އެއޮތީ ހުށަހެޅިފައޭ. ވިދާޅުވީ ތިމަންނަ ބޭނުންވަނީ ކޮމެޓީއަށް ހާޒިރުވެ ދިފާއުގައި ވާހަކަ ދައްކަންށޭ. ތިމަންނަ ކުރި ކުށެއް ވަޒީރުކަމުން ވަކިކުރަން ޖެހޭ ވަރުގެ ކަމެއް ނޯންނާނެޔޭ. މަލީހުގެވެސް އެދިވަޑައިގަތުމާއެއް ގޮތަށް އެކަން ކުރިޔަށް އެގެންދީ،" ރައީސް ވިދާޅުވި އެވެ.