ހަބަރު

އިމްރާން ސަލާމަތްވެއްޖެ، މަލީހަށް އެމްޑީޕީގެ އިތުބާރެއްނެތް

Nov 22, 2020

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރުނެތް ކަމަށް އިދިކޮޅުން ހުށަހަޅާފައިވާ މައްސަލައަށް ތާއީދުނުކުރަން ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން މިއަދު ނިންމިއިރު، ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް އެމްޑީޕީގެ އިތުރުބާރުނެތްކަމަށް ފާސްކޮށްފި އެވެ.

އެ މައްސަލަ އިދިކޮޅުން ހުށަހަޅާފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުވައި ދެއްކި ޑޮކިއުމަންޓްތަކާ ގުޅޭގޮތުން މަޖިލީހަށް އިތުރުފުޅު ހައްދަވާފައިވާ ކަމަށް ބުނެ އެވެ.

އަދި ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތައް ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އިމްރާން އޮޅުވާލައްވައި، ތަހުގީގަށް ހުރަސްއެޅޭ ގޮތަށް އަމަލު ކުރައްވާފައިވާ ކަމަށްވެސް އިދިކޮޅުން ބުނެފައިވެ އެވެ.

ޖުމްލަ 11 މެންބަރެއްގެ ސޮއިއާއެކު އިމްރާނަށް ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ފެށޭ ހަފްތާގައި ތާވްލުކުރާނެކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށް، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވަނީ އެ މައްސަލައަށް އެމްޑީޕީގެ މެންބަރުން ތާއީދުނުކުރަން ނިންމައިފަ އެވެ.

މިނިސްޓަރު މަލީހު އާ ދެކޮޅަށް ގަލޮޅު ދެކުނު އެމްޑީޕީ ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އަބަދުވެސް އަމާޒުވާ އެއް ބޭފުޅަކީ މިނިސްޓަރު މަލީހެވެ. މަލީހަކީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާ ބޭފުޅެއް ނޫން ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވިދާޅުވެއެވެ. އަދި މަގާމުން އިސްތިއުފާ ދެއްވުމަށްވެސް އެ މެންބަރުން މީގެ ކުރިން ގޮވާލާފައިވެއެވެ. މީގެ އިތުރުން މަލީހު މަގާމުން ވަކިކޮށް ދިނުމަށް ރައީސް ސޯލިހަށްވެސް އެ މެންބަރުން ގޮވާލާފައިވެއެވެ.

މަލީހު މަގާމުން ދުރުކުރުމުގެ މަސައްކަތްތަކެއް ފެށީ ޓީވީ ޝޯ އެއްގައި ބައިވެރިވެވަޑައިގެން މަޖިލީހުގެ މެންބަރުންނަށް މަލީހު ފާޑުވިދާޅުވުމުންނެވެ. އެ ވާހަކަތަކަށް ރައްދުދީ އެމްޑީޕީގެ މެންބަރުން ވަނީ ޓްވީޓްތަކެއްވެސް ކުރައްވާފައެވެ. އަދި މަލީހަށް އެެއްވެސް އިތުބާރެއް ނެތް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ޒާތީވެ ބައެއް މެންބަރުން ޓްވީޓްވެސް ކުރެއްވިއެވެ. އެ ހުރިހާ ޓްވީޓްތައް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރިޓްވީޓްވެސް ކުރެއްވި އެވެ.

މިއަދުގެ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި މަލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.