ރާއްޖޭގެ ކަނޑުގައި ދާ އަޅައިގެން މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލައިގަތް އިންޑިއާގެ ބޯޓު ދޫކޮށްލީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށް ފަހު ކަަމަށް ފުލުސް އިދާރާއިން ބުނެފި އެވެ. އިންޑިއާ އަކީ ރާއްޖޭގެ ސަރުކާރާ އެންމެ ރަހުމަތްތެރި ގައުމެވެ.
ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރާއްޖެއިން އަތުލައިގަން އެ ބޯޓު ފަޅުވެރިންނާއެކު ދޫކޮށްލީ މިދިޔަ ހަފުތާގައި ކަމަށް އަންގާރަ ދުވަހުކަމަށް އިންޑިއާގެ "ދަ ހިންދޫ" ގައި ރިޕޯޓްކޮށްފައި ވެއެވެ. އަތުލައިގެންފައި ވަނީ އިންޑިއާގެ އުތުރުގައި އޮންނަ ޓެމިލްނާޑޫގެ މަސްވެރިންތަކެއް ކަމަށް ވެސް އޭގައި ވެއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ދިވެހި ފުލުހުން ބުނީ އެ ބޯޓު ފުރުވާލީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތާއި އަދި ފިޝަރީޒް މިނިސްޓްރީއަށް ވެސް ބޭނުންވާ މައުލޫމާތު ނެގުމަށްް ފަހު މިނިސްޓްރީގެ ލަފަޔާއެކުގައި ކަމަށެވެ.
އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިންޑިއާގެ ބޯޓު ފުރުވާލިއިރު ރާއްޖޭގެ ކަނޑުތަކަށް ބޭރުގެ މަސް ބޯޓުތައް ހާއްސަކޮށް އިންޑިއާގެ މަސް ބޯޓުތައް ގަވައިދާ ހިލާފަށް ވަނުން އިތުރުވެފައިވާ ކަމަށް މަސްވެރިން ދަނީ ބުނަމުން ނެވެ. ނަމަވެސް އެކަމާ ގުޅުވާ މަސްވެރިންނާއި އާންމުން ކުރާ ޝަކުވާތަކަށް ސަރުކާރުން އަޅައެއް ނުލަ އެވެ. އަދި އެ މައްސަލަ ސަމާލު ކަމަށް ގެނައުމަށް ކަމަށް ބުނެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު މަޖިލީހަށް މި ހަފްތާ ހުށަހެޅި މައްސަލަ ވެސް ވަނީ ބޭރު ކޮށްލާފަ އެވެ.