ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ހޯމައިގެ ފަހުން ވެކްސިން ދޭނީ ވަކި ބަޔަކަށް

މާލެ ސަރަހައްދުގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން އަންނަ ހަފުތާގެ ހޯމަ ދުވަހާއި ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވީ ނަމަވެސް އޭގެ ފަހުން ވެސް ވެކްސިންގެ ފުރަތަަމަ ޑޯޒް ދޭނެ މީހުން ހެލްތު އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމަކޮށްފި އެވެ.

އެޗްއީއޯސީން ބުނީ ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން އަންނަ ހަފްތާގެ ހޯމަ ދުވަހު ހުއްޓާލި ނަމަވެސް ބަލިން ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއް ދޭ ފަރާތްތައް ކަމަށްވާ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނެ ކަމަަށެވެ.

އަދި ޕޮސިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން އެމީހުންނަށް ވެކްސިން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި ވެކްސިން ޖަހައިދޭނެ ކަމަށާ ކޮންޓެކްޓަށްވެ ކަރަންޓީންގައި ތިބި މީހުންނަށްވސް އެމީހުންނަށް ވެކްސިން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި ވެކްސިން ދޭނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރުކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުންނާއި ބައްޔެއްގެ ސަބަބުން ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުންނަށްވެސް ވެކްސިން ދޭނެ ކަމަށެވެ.

ހޯމަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ދިން ހުއްޓާލާނީ މާލެ ސަރަހައްދުގައެވެ. ރަށްރަށުގައި ވެކްސިން ދެނީ އެ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަނަކުން ކަނޑައަޅާ ވަކި އުމުރުފުރާތަކަކަށެވެ. ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 175،456 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. މިހާތަނަށް މާލެ ސަރަހައްދުން 99،821 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 75،635 މީހަކަށް ވެކްސިން ދީފައިވެއެވެ.