ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ކަރަންޓީނުނެތި ކެންޕޭނަށް ދެވޭގޮތް ހަދައިފި

ކަރަންޓީނުވުމަކާ ނުލައި ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.

ނަމަވެސް މި ހުއްދައަށް އެޗްޕީއޭގައި އެދެން ޖެހެއެވެ. އަދި ކެންޑިޑޭޓް ހިމެނޭހެން ރަށްރަށަށް ދެވޭނީ ފަސް މީހުންނަށްވުރެ ގިނަ ނުވާނެ ހެނެވެ. މީގެ އިތުރުންވެސް ގިނަ ޝަރުތުތަކެއް ހިމަނާފައިވެއެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި "ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ ހާއްސަ ގައިޑްލައިން" ގައި ބުނެފައިވަނީ ކަރަންޓީނުވުމަކާ ނުލައި ކުރުމުއްދަތަށް (ފަސް ދުވަހަށް ވުރެ ދިގު ނޫން) އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ކަމަށެވެ. އެގޮތުން ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތާއީދު ހޯދުމަށް ކެންޕޭން ކުރުމަށް ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން ނުވަތަ ރިސޯޓަކުން ނޫނީ ގެސްޓްހައުސް ހިންގާ ރަށަކުން ކޮމިއުނިޓީ ސްޕްރެޑް ނެތް ރަށަކަށް ކަރަންޓީނުވުމަކާ ނުލާ ދަތުރު ކުރެވޭނެ ކަމަށާ ނަމަވެސް ފަސް ދުވަހަށްވުރު ދިގު މުއްދަތަކަށް ދަތުރުކުރާނަމަ 10 ދުވަހުގެ މުއްދަތަށް ކަރަންޓީންވާން ޖެހޭނެ ކަމަށެވެ.

ދަތުރުކުރުމުގެ ކުރިން ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުންވެސް އެޗްޕީއޭގެ ހުއްދަ ހޯދަން ޖެހޭނެ އެވެ. އަދި މި އުސޫލުގެ ދަށުން ދަތުރުކުރެވޭނީ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނެގެޓިވް ނަތީޖާ އޮވެގެނެވެ.

މީގެ އިތުރުން އެޗްޕީއޭއިން ދީފައިވާ ހުއްދަ ރަށަށް ފުރުމުގެ ކުރިން ކައުންސިލަށް ފޮނުވުމާއި ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ނުވަތަ ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވެފައިވާނަމަ ދަތުރުގައި ބައިވެރިނުވެވޭނެ އެވެ.

އަދި ކެންޕެއިނަށްދާ ރަށެއްގައި ވަކިން ތިބެވޭނެ އިންތިޒާމު ހަމަަޖެއްސުމާއި އެ ރަށެއްގައި ބައްދަލްވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ތަނަށް ނޫނީ ނުދިއުމަށްވެސް އުސޫލުގައި ހިމަނާފައިވެއެވެ. ގޭގެއަށް ޒިޔާރަތް ކުރުމާއި ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމު ތިބޭ ތަނަށް އާންމުން ދިއުންވެސް އުސޫލުގައި މަނާ ކުރެއެވެ. އަދި ހަ ފޫޓްގެ ގައިދުރުކަން ބެހެއްޓުމާއި ހާމަ ތަންތަނާގައި ބައްދަލްވުންތައް ބޭއްވުން ފަދަ އެތަށް ކަމެއް އުސޫލުގައި ހިމަނާފައިވެއެވެ.