އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބް އަބްދުއްރަހީމްގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއް އޮތްނަމަ އެ ކަމެއް ކޮމިޝަންގެ ކަމާބެހޭ ކޮމެޓީތަކަށް ހުށަހަޅަން މުވައްޒިފުންނަށް އެންގުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިފަދަަ ނިންމެއް ނިންމާފައިވަނީ ރޭ ބޭއްވި ކުއްލި ޖަލްސާއެއްގަ އެވެ. އެ ޖަލްސާ ބޭއްވީ ހަބީބުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ ކޮމިޝަންގެ ދެ މުވައްޒިފަކު ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކަމަށް ބުނެ މީޑިއާތަކުގައި ފެތުރުނު ހަބަރަކާއި ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ހަބީބުއާ ގުޅޭ އެއްވެސް މައްސަލައެއް ހުށައެޅިފައިނުވާ ކަމަށާ ނަމަވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއް އޮތްނަމަ އެކަމެއް ކޮމިޝަންގެ ކަމާބެހޭ ކޮމެޓީތަކަށް ހުށައެޅުމަށް މުވައްޒިފުންނަށް އެންގުމަށް ރޭގެ ބައްދަލްވުމުގައި ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނެ ހަބީބުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައެޅި ކަމަށް މީޑިއާތަކުގައި ރިޕޯޓް ކުރުމާއި ގުޅިގެން އެ މައްސަލައިގެ ހަގީގަތްވެސް ކޮމިޝަނުން ބަލާފައިވާ ކަމަށެވެ. މައްސަލަ ބެލުމުން ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއްވެސް އަމަލެއް ހަބީބު ހިންގަވާފައިނުވާ ކަން ކަށަވަރު ކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބްގެ މައްސަލަތަކެއް ފެންމަތިކޮށްފައިވާއިރު އެ ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އަހުމަދު އަކްރަމްގެ މައްޗަށްވެސް ތުުހުމަތުތަކެއް ކުރެވި މައްސަލަ މަޖިލީހަށް ހުށައެޅުމުން މަޖިލީހުން ވަނީ އަކުރަމް ވަކިކުރަން ނިންމާފައެވެ. އެ ނިންމުމާއެކު އަކްރަމް އަމިއްލައަށް އިސްތިއުފާ ދެއްވީއެވެ.