ޕާކިސްތާންގައި ޓިކްޓޮކް މަނާ ކުރަން ޖެހިފައިވާ ކަމަށް ޓެލެކޮމް ރެގިއުލޭޓަރު ބުނެފި އެވެ. ޓެލެކޮމް ތަރުޖަމާން ވިދާޅުވީ ކޯޓުން ނެރެފައިވާ އަމުރާ އެއްގޮތަށް ޓިކްޓޮކް ބްލޮކް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޕާކިސްތާން ޓެލެކްމޮ އޮތޯރިޓީ (ޕީޓީއޭ) ގެ ތަރުޖަމާން ޚުއްރާމް މެހްރާން ރޮއިޓާސްއަށް ވިދާޅުވީ ޕާކިސްތާން ކޯޓުން އެ އޮތޯރިޓީގެ މައްޗަށް އަމުރެއް ނެރެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަން، ޓިކްޓޮކްއަށް ޕާކިސްތާނުން އެކަކަށް ވެސް ވަދެވިގެން ނުވާނެ ކަމަށެވެ.
ޕާކިސްތާން ކޯޓުން ޓިކްޓޮކް މަނާކުރާ ސަބަބެއް ކަމަށް ބުނެފައި ވަނީ އަޚްލާގީ ގޮތުން މަނާ އަދި ދަށްފެންވަރުގެ ކޮންޓެންޓްތައް ހައްދުފަހަނައަޅައި ގޮސްފައި ވާތީ އެނޫން ގޮތެއް ނެތީ ކަމަށެވެ.
ޕާކިސްތާންގައި ޓިކްޓޮކް ހިންގާ މީހުން ބުނީ ކޯޓް އަމުރާބެހޭ ގޮތުން އަޑުއިވިފައިވާ ކަމަށާއި ދެން ކަންކުރަންވާ ގޮތް ދާދި އަވަހަށް އަންގާނެ ކަމަށެވެ.
މިއީ ޕާކިސްތާންގައި ޓިކްޓޮކް މަނާކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިގެ ކުރިން ފާއިތުވި އަހަރު އޮކްޓޯބަރުގައި ވެސް ވަނީ ޓިކްޓޮކް މަނާކޮށްފަ އެވެ. އެހެން ނަަމަވެސް 10 ދުވަހަށް ފަހު ވަނީ ހުއްދަދީފަ އެވެ. އެއީ ޓިކްޓޮކް ބަލަހައްޓާ މީހުން އާދޭސް ކުރުމުންނެވެ. އެމީހުން ބުނީ ގަވާއިދާ ޚިލާފު އަދި އަޚްލާގީ ގޮތުން ދަށް ފެންވަރުގެ ކޮންޓެންޓްތައް ނުފެންނަ ގޮތް ހަދާނެ ކަމަށެވެ.
ޓެލެކޮމް އޮތޯރިޓީން ބުނީ ޓިކްޓޮކްއަށް ރަނގަޅު ގޮތެއް އޮތީ ޕާކިސްތާންގެ ގާނޫން ރަނގަޅަށް އެނގިގެން ކަމަށެވެ. ކަނޑައަޅާފައި ހުރި މިންގަޑުތަކަށް ބޯލެންބުމުން ޓިކްޓޮކް ބޭނުންކުރެވޭނެ ކަމަށާއި އޮޕަރޭޓްކުރަން ފަސޭހަ ވެސް ވާނެ ކަމަށެވެ.