ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފާޑުކިޔުން ބޮޑުވުމުން ކަރަންޓީނު ނެތި ކެންޕޭނަށް ދެވޭ އިސްލާހު ބާތިލުކޮށްފި

ކަރަންޓީނުވުމަކާ ނުލައި ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިންތާ އެއް ދުވަސް ނުވަނީސް އެ އިސްލާހު ބާތިލުކޮށްފި އެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓުންނަށް ކެންޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ނެތް ކަމުގެ ޝަކުވާ ވަރަށް ބޮޑުވިއެވެ. އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރިއެވެ. ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕާޓީތަކުގެ ފާޑުކިޔުން އެޗްޕީއޭއާ ޓެގް ޓީމަށް ވަރަށް ބޮޑަށް އަމާޒުވިއެވެ. އަދި ކެންޕެއިން ކުރުމަށް ފަސޭހަކޮށްދީ އެޗްޕީއޭގެ ހަރުކަށި ގައިޑްލައިން ލުއި ކުރުމަށް މަޖިލީހުން ވަނީ އެދިފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުކޮށް ގައިޑްލައިނަށް ލުއިދޭން ޖެހޭ ކަމަށް ކޮމެޓީގެ މުގައްރިރު ވަނީ ވިދާޅުވެފައެވެ. އެ ދުވަހު މައިމޫނާ އަބޫބަކުރު ވިދާޅުވީ އީސީން އެދުނު ގޮތަށް ހާއްސަ އިމްތިޔާޒުތަކެއް ހަމަޖައްސައިދެވޭތޯ ބައްލަވާނެ ކަަމަށެވެ. ނަމަވެސް މިހާރު ހަދައިފައިވާ ގައިޑް ލައިންތައް ހަދާފައިވަނީ ވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.

ނަމަވެސް ރޭ ކުއްލި ގޮތަކަށް އެޗްޕީއޭއިން ވަނީ ގައިޑްލައިން ލުއިކޮށް ކަރަންޓީނުވުމަކާ ނުލައި ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކަށް ދީފައެވެ.

އެޗްޕީއޭއިން ރޭ އާންމުކުރި "ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ ހާއްސަ ގައިޑްލައިން" ގައި ބުނެފައިވަނީ ކަރަންޓީނުވުމަކާ ނުލައި ކުރުމުއްދަތަށް (ފަސް ދުވަހަށް ވުރެ ދިގު ނޫން) އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ކަމަށެވެ. އެގޮތުން ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތާއީދު ހޯދުމަށް ކެންޕޭން ކުރުމަށް ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން ނުވަތަ ރިސޯޓަކުން ނޫނީ ގެސްޓްހައުސް ހިންގާ ރަށަކުން ކޮމިއުނިޓީ ސްޕްރެޑް ނެތް ރަށަކަށް ކަރަންޓީނުވުމަކާ ނުލާ ދަތުރު ކުރެވޭނެ ކަމަށާ ނަމަވެސް ފަސް ދުވަހަށްވުރު ދިގު މުއްދަތަކަށް ދަތުރުކުރާނަމަ 10 ދުވަހުގެ މުއްދަތަށް ކަރަންޓީންވާން ޖެހޭނެ ކަމަށެވެ.

ދަތުރުކުރުމުގެ ކުރިން ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުންވެސް އެޗްޕީއޭގެ ހުއްދަ ހޯދަން ޖެހޭނެ އެވެ. އަދި މި އުސޫލުގެ ދަށުން ދަތުރުކުރެވޭނީ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނެގެޓިވް ނަތީޖާ އޮވެގެނެވެ.

މީގެ އިތުރުން އެޗްޕީއޭއިން ދީފައިވާ ހުއްދަ ރަށަށް ފުރުމުގެ ކުރިން ކައުންސިލަށް ފޮނުވުމާއި ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ނުވަތަ ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވެފައިވާނަމަ ދަތުރުގައި ބައިވެރިނުވެވޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ނަމަވެސް މިރޭ އެޗްޕީއޭއިން ބުނީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިސްލާހު އުވާލަން ނިންމާފައިވާ ކަމަށެވެ.

ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާގުޅިގެން ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިސްލާހު އުވާލަން ނިންމައިފީމެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ | މާޗް 12، 2021

އެޗްޕީއޭގެ އުސޫލު އާންމު ކުރުމުން ވަރަށް ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ. އަދި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ އެއްވެސް ހަމައަކުން އަޅާފައިވާ ފިޔަވަޅުތަކެއް ނޫންކަން އެޗްޕީއޭގެ އުސޫލުން ހާމަވެއްޖެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.