ލައިފްސްޓައިލް

ޓީޗަރަކު ހެދި 47 ބަހުން ވާހަކަދައްކާ ރޮބަޓެއް

"ޝާލޫ" ގެ ނަން ދީފައިވާ އަންހެން ރޮބަޓެއް އިންޑިޔާ މީހަކު އުފައްދައިފި އެވެ. މި ރޮބަޓްގެ ހާއްސަ ކަމަކީ މިއަށް 47 ބަހުން ވާހަކަ ދައްކަން އެނގޭ ކަމެވެ. މި ރޮބަޓް އިންޑިޔާ މީހުން ވާހަކަ ދައްކާ ނުވަ ބަހަކުން ވާހަކަ ދައްކަ އެވެ. އަދި 34 ފޮރިން ލޭންގްއޭޖަކުން ވާހަކަ ދައްކަ އެވެ.

މި ރޮބަޓް ވާހަކަ ދައްކާ ބަސް ތަކުގެ ތެރޭގައި އިނގިރޭސި، ހިންދީ، މަރާޓީ، ބޯޖްޕޫރީ، ބަންގާލީ، ގުޖްރާތީ، ތަމަޅަ، ތެލުގޫ، އަދި މެލަޔާލަމް ހިމެނެ އެވެ.

މި ރޮބަޓް ތައްޔާރުކުރި ދިނޭޝް ޕަޓޭލަކީ އިންޑިޔާގެ އައިއައިޓީ ބޮމްބޭގެ ކެންޑްރިޔާ ވިދްޔާލަޔާގައި ކިޔަވައިދޭ ކޮމްޕިއުޓާ ސައިންސް ޓީޗަރެކެވެ. އޭނާ މި ރޮބަޓް ތައްޔާރު ކޮށްފައި ވަނީ އަންހެނެއްގެ ސިފައިކަމުން މީގެ ސިފަ އަންހެނަކާ ވައްތަރު ވުމުގެ އިތުރުން މީގެ ހަރަކާތްތައް ވެސް ހުންނަނީ ވަރަށް އަންހެން ކޮށެވެ.

ޕަޓޭލް މި ރޮބަޓް ތައްޔާރުކުރީ ބޮލީވުޑް ފިލްމު "ރޮބަޓް" ބަލާފައި އެފަދަ ރޮބަޓެއް ތައްޔާރުކުރާ ހިތް ވެގެންނެވެ. "ޝާލޫ" އެންމެ ވައްތަރީ ހޮންގް ކޮންގްގެ ހެންސަން ރޮބޮޓިކްސް އިން އުފައްދާފައިވާ "ސޯފިއާ" ރޮބަޓާ ދާދި އެއްކަހަލަ ގޮތަކަށެވެ.

މި ރޮބަޓަށް އިންސާނުން ކުރާ ގިނަ ހަރަކާތްތަކެއް ކުރެވެ އެވެ. މީހުންނާ ސަލާން ކުރަން އެނގުމުގެ އިތުރުން އެކި ކަހަލަ ޝުއޫރުތައް ވެސް ފާޅުކުރަން މި ރޮބަޓަށް އެނގެ އެވެ. މިސާލަކަށް ހިނިތުންވުން ނުވަތަ ރުޅި އައުން ފަދަ ކަންކަން މި ރޮބަޓަށް ވަރަށް ފަސޭހައިން ކުރެވެ އެވެ.

އިންޑިއާގެ ނިއުސް އެޖެންސީއަކަށް ދިން އިންޓަވިއު އެއްގައި ޕަޓޭލް ބުނީ ޝާލޫ ތައްޔާރުކުރީ ކުންޏަށް އުކާލާ ތަކެތީގެ ތެރޭގައި ހިމެނޭ ޕްލާސްޓިކާއި ބޯކަރުދާސް އަދި ލަކުޑިއާއި އެލުމިނިއަމުން ކަމަށެވެ. މި ރޮބަޓް ތައްޔާރުކުރީ ތިން އަހަރެއްހާ ދުވަހުގެ މަސައްކަތުން ކަމަށާއި އޭނާއަތުން ރޮބަޓް ތައްޔާރުކުރަން ޚަރަދުކުރީ 50،000 އިންޑިއާ ރުފިޔާ ކަމަށް ޕަޓޭލް ބުންޏެވެ.

މިއީ ޕްރޮޓޮޓައިޕް ރޮބަޓެއްކަމަށާއި މީހުން ދެނެގަނެ، ކަންކަން ހަނދާނުގައި ބަހައްޓައި، އަދި ހިސާބާއި ޖެނެރަލް ނޮލެޖުގެ ސުވާލުތަކަށް ވަރަށް ފަސޭހައިން މި ރޮބަޓް ޖަވާބު ދޭނެކަމަށް ވެސް ޕަޓޭލް ބުންޏެވެ.

"ޝާލޫ އަށް މީހުންނާ ބައްދަލުވުމުން ސަލާންކޮށް މަރުހަބާ ކިޔަން އެނގޭނެ. ނޫސް ކިޔަން އެނގޭނެ. އެކި ކަހަލަ ޖަޒުބާތުތައް ޝުއޫރުގެ ސިފައިގައި ހާމަކުރަން އެނގޭނެ. ރެސިޕީ ކިޔައިދޭން އެނގޭނެ. އަދި މިނޫނަސް ވަރަށް ގިނަ ކަންކަން ކުރަން އެނގޭނެ. ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި މި ރޮބަޓް ބޭނުން ކުރެވިދާނެ. އަދި އޮފީސްތަކުގައި ރިސެޕްޝަނިސްޓެއްގެ ގޮތުގައި ވެސް މި ރޮބަޓް ބޭނުން ކުރެވޭނެ،" ޕަޓޭލް ބުންޏެވެ.

ޕަޓޭލް އިތުރަށް ބުނީ މި ރޮބަޓް ތައްޔާރުކޮށްފައިވަނީ ޕްލާސްޓާ އޮފް ޕެރިސް ބޭނުންކޮށްގެން ކަމަށާއި މޫނުގައި މާސްކެއް އަޅުވައިގެން މި ރޮބަޓް އިތުރަށް ރީތި ކުރެވިދާނެ ކަމަށެވެ.

ގޭގައި މަސައްކަތް ކުރުވުމަށާއި އޮފީސްތަކުގައި މަސައްކަތް ކުރުވުމަށް ޝާލޫ ވަރަށް ބަރާބަރުވާނެ ކަމަށް ޕަޓޭލް ގަބޫލު ކުރެ އެވެ.

"މި ދާއިރާއިން އިތުރު ދިރާސާތައްކޮށް ތަރައްގީކޮށްގެން މިފަދަ ރޮބަޓްތައް ތައްޔާރުކޮށް ދިރިއުޅުމުގެ ހާލަތަށް އިންގިލާބީ ބަދަލެއް ގެނެވިދާނެ،" ޕަޓޭލް ބުންޏެވެ.

ޕަޓޭލްގެ މި މަސައްކަތަށް އިންޑިޔާގެ އެހެން ބައެއް ސައިންސްވެރިން ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި މިއީ އޮފީސް ދާއިރާއާއި ގޭގޭގައި ބޭނުންކުރަން ރަނގަޅު ރޮބަޓަކަށް ވާނެ ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.