ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

198،000 މީހުން ކޮވިޑް ވެކްސިން ޖަހައިފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 198،436 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިއަދު ވަނީ 9،770 މީހަކަށް ވެކްސިން ދީފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 5،859 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 3،911 މީހެކެވެ.

މިހާތަނަށް މާލެ ސަރަހައްދުން 111،695 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 86،511 މީހަކަށް ވެކްސިން ދީފައިވެއެވެ.

މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. މިހާރު 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ވެކްސިން ޖެހޭނެ އެވެ. އަދި 18 އަހަރުން މަތީގެ ބަލި މީހުންނަށްވެސް ވެކްސިން ދެއެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، އިތުރު 100،000 ޑޯޒް އިންޑިއާއިން ވަނީ ހަދިޔާކޮށްފައެވެ. އަދި ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ. ނަމަވެސް ކުއްލި ގޮތަކަށް އިއްޔެ ފިނޭންސް މިނިސްޓްރީން ވަނީ އިންޑިއާގެ ސީރަމް ކުންފުނިން ވެކްސިން ގަތުމަށް އައު ހުއްދައެއް ދީފައެވެ.

ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭ ނިންމަން އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ޗައިނާ ސަރުކާރުންވެސް ވަނީ ދިވެހިރައްޔިތުންނަށް 200،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.