އަޒީމާ އާދަމް

އާ ނޫޓުތަކުގެ ސަަބަބުން މުދަލާއި ހިދުމަތުގެ އަގު ބޮޑެއް ނުވާނެ: ގަވަރުނަރު

އާ ނޫޓުތަކުގެ ސަަބަބުން މުދަލާއި ހިދުމަތުގެ އަގު ބޮޑުވެގެން ނުދާނެ ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް މިރޭ ވިދާޅުވެއްޖެ އެވެ.

ދިވެހި ރުފިޔާގެ އާ ނޫޓު ސީރީޒް "ރަންދިޔަ ފަހެއް" ނެރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އަޒީމާ ވިދާޅުވީ އާ ނޫޓުތަކަކީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިވާ ނޫޓު ސީރީޒެއް ކަމަށާއި، މި ނޫޓު ސީރީޒްތަކުގެ ސަބަބުން އިންފްލޭޝަން މަތިވެގެން ނުދާނެ ކަމަށެވެ.

"އަލަށް ނެރޭ ނޫޓުގެ ސަބަބުން އިގްތިސާދުގައި ދައުރުވާ ފައިސާގެ އަދަދު އިތުރެއް ނުވާނެ. ރަންދިޔަ ފަހެއްގެ 100 ނޫޓު ނެރެނީ މިހާރު ދައުރުވާ ނޫޓު އެމްއެމްއޭއަށް ނެގުމަށްފަހު،" އަޒީމާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ އާ ނޫޓުތަކެއް ނެރެނީ ރާއްޖޭގެ ފައިސާގެ ޔަގީންކަން އިތުރުކޮށް، ސަލާމަތީ ފިޔަވަޅު ވަރުގަދަ ކުރުމަށް ކަމަށެވެ.

"މި ސީރީޒް ނެރެނީ ގިނަ ދިރާސާ ކުރުމަށްފަހު. މިކަން ކުރުމުގެ ކުރިން އެނގުނީ ނޫޓުގެ ސަލާމަތީ ފިޔަވަޅު ވަތުގަދަ ކުރެވޭނީ ނޫޓުގެ ޑިޒައިން ބަދަލުކޮށްގެންކަން. އެހެންވެ މި ބަދަލު ގެނަނީ،" އަޒީމާ ވިދާޅުވި އެވެ.

ރަންދިހަ ފަހެއްގެ ނަމުގައި ޕޮލިމާ ކަރުދާހުގައި ނެރުނު ޓުތަކަކީ އެންމެ ފެންވަރު ރަނގަޅު ނޫޓުތަކަށް ވުމުގެ އިތުރުން އެ ނޫޓުތަކުގެ ވަގު ކޮޕީއެއް ނުހެދޭ ގޮތަށެވެ. މިނިވަން 50އާ ގުޅުވައިގެން "ރަންދިހަ ފަހެއް"ގެ ނަން ދީފައިވާ ސީރީސްގައި ހިމެނެނީ ތަފާތު ކުލަތަކުގައި ނެރޭ 10، 20، 50، 100 500 އަދި އަލަށް ތައާރަފްކުރާ 1000 ރުފިޔާގެ ނޫޓެވެ. މި ސިރީސްގައި 5 ރުފިޔާގެ ނޫޓުގެ ބަދަލުގައި ނެރުމަށް ހަމަޖެހިފައި ވަނީ 5 ރުފިޔާގެ ފައިސާ ފޮއްޗެވެ.