އަޒީމާ އާދަމް

އަބްދުﷲ ބެއަށް މިއޮތް ލިބުނު ޝަރަފެއް!

  • ރަންދިހަ ފަހެއްގެ ނޫޓުން ފުރަތަމަ ވިޔަފާކުރި މީހާ އުފަލުން
  • ގަވަރުނަރު އަޒީމާ ވަރަށް ގިނައި މާރުކޭޓަށް ވަޑައިގަންނަވާ

އަރާ އިރާއެކު ކޮންމެ ދުވަހު އަބްދުﷲ ބެ ގޮޅިއަށް ގޮސް ދަނޑުވެރިކަމުގެ ސާމާނު ވިއްކި ނަަމަވެސް މިއަދު ހާއްސަ އެވެ. އެހެން ދުވަސް ދުވަހާއި މިއަދު އޭނާ އަށް ތަފާތެވެ. އަބްދުﷲ ބެ ވެގެން ގޮސްފައިމިވަނީ 33 އަހަރު ފަހުން ރާއްޖޭގައި ފުރަތަމަ ނެރުނު، އާ ނޫޓުން ފުރަތަމަ ވިޔަފާރީގެ މުއާމަލާތް ހިންގި މީހާއަށެވެ.

"އާ ނޫޓުގެ ފުރަތަމަ ވިޔަފާރި މުއާމަލާތް ކުރުމުގެ ފުރުސަތު ލިބުނީތީ ވަރަށް އުފާވެއްޖެ،" ދަތުރުވެރިންގެ މާރުކޭޓު ގޮޅީގައި ވިޔަފާރިކުރާތާ އަށް އަހަރުވެފައިވާ، ހއ. ކެލާ، އަބްދުﷲ ހަލީލް (އަބްދުﷲ ބެ) ބުންޏެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި އަބްދުﷲ ބެ، މަސައްކަތްކުރާތާ އަށް އަހަރުވެފައިވާއިރު، ދުވަހަކުވެސް މިވަރުގެ ޝަރަފެެއް ނުލިބެ އެވެ. "ރަންދިހަ ފަހެއް" ގެ އާ ނޫޓު ސީރީޒުގެ ނޫޓަކުން ވިޔަފާރީގެ މުއާމަލާތް ކޮށްލުމުގެ ޝަރަފު ލިބުމުނެވެ.

"ކުރިން ދުވަހަކު އެމްއެމްއޭގެ ބޭފުޅުން ވަޑައިގެން މިތަން ސެލެޓްކުރީ. އެ ބޭފުޅުން އައިސް އެ ވާހަކަ ބުނީ،" ދަތުރުވެރިންގެ މާރުކޭޓުގެ 25، ނަމްބަރު ގޮޅި ހިންގަމުން ގެންދާ އަބްދުﷲ ބެ ބުންޏެވެ.

އަބްދުﷲ ބެއަށް މި ޝަރަފު ލިބުނުއިރު، ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް އަކީ 25 ނަމްބަރު ގޮޅިން "ބައެއް ފަހަރު ވިޔަފާރިކުރައްވާ" ބޭފުޅެވެ. އަބްދުﷲ ބެގެ ގޮޅިން ގަވަރުނަރު މި ފަހަރު ބައްލަވައި ގަތީ ދޮންފަޅޮލެވެ. ރަންދިހަ ފަހެއްގެ 100 ރުފިޔާގެ އާ ނޫޓުން ގަވަރުނަރު ބައްލަވައިގަތް ފަޅޮލަށް ދަނޑުވެރިން ކިޔަނީ "އިޒްރޭލް" ފޮޅޮލެވެ. ދޮންކޮށް އޮންނަ މި ފޮޅޮލަކީ މީރު ކަމަށް މަޝްހޫރު ފަޅޮލެކެވެ.

"އާއްމު ގޮތެއްގައި ގަވަރުނަރު [ޑރ. އަޒީމާ] މާރުކޭޓުން ވިޔަފާރި ކުރޭ. ވަރަށް ގިނައިން މާރުކޭޓަށް ވަޑައިގަންނަވާނެ. އެހެން ގޮޅިތަކުންވެސް ވިޔަފާރި ކުރައްވާނެ،" އަބްދުﷲ ބެ ބުންޏެވެ.

ކޮންމެއަކަށް ރަންދިހަ ފަހެއްގެ އާ ނޫޓުން ވިޔަފާރީގެ ފުރަތަމަ މުއާމަލާތް ހިންގުމުގެ ޝަރަފު މި ލިބުނީ އަބްދުﷲ ބެ އަށެވެ. މި ޝަރަފާއެކު އޭނާ ހުރީ އުފަލުން ފޮޅިފަ އެވެ.