އަޒީމާ އާދަމް

ސުކުނާ ނޫޅެ ރަނގަޅީ ސަލާމަތީ ސިފަތައް އޮޅުންފިލުވުން: ގަވަރުނަރު

12

"ރަންދިޔަ ފަހެއް" އާ ނޫޓު ސީރިޒްގައި "ފައްސަތޭކަ" ރުފިޔާ ދިވެހި ބަހުން ޖެހުމަކީ ކުށްގޮތެއް ނޫން ކަމަށާއި، "ސުކުނެއް" ގެ މައްސަލައާ ހެދި ނޫޅެ، ނޫޓުގެ ސަލާމަތީ ސިފަތައް އޮޅުން ފިލުވުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އެދިވަޑައިގެންފި އެވެ.

"ފައްސަތޭކަ" ނޫޓުގައި ލިޔެފައިވާ މައްސަލާގައި ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވާ، އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ އެމްއެމްއޭ ގަވަރުނަރު ކައިރީގައި އެންމެ ބޮޑަށް އޮޅުން ފިލުވަންވީ މި ނޫޓަކީ ރައްކާތެރި ނޫޓެއް ތޯ ކަމަށެވެ.

"އޭގައި އިން ސުކުނެއް ތޯ އެއް ނޫން ވިސްނަންވީ!.. އެއީ ބަހުގައި ކިޔާ ގޮތެއް. އެއްވެސް ފަރާތަކަށް އޮޅުމެއް ނާރާނެ މިއީ 500ރ. ކަމެއް. އޮޅުން އަރާނަމަ އެއީ ހިތާމަކުރާނެ ކަމެއް. މި އުޅެނީ ސުކުނަކާ ހެދި،" ގަވަރުނަރު ވިދާޅުވި އެވެ.

ގަވަރުނަރު އަޒީމާ ވިދާޅުވީ މިހާރުގެ ނޫޓުގައިވާ "ފަސްސަތޭކަ" އާއި އާ ނޫޓުގައި ލިޔެފައިވާ "ފައްސަތޭކަ" މި ދެ ގޮތަކީ ވެސް ރަނގަޅު ދެ ގޮތެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި ދެ ގޮތްވެސް ރަނގަޅު. ބަހުގައި ބޭނުންކުރާ ދެ ގޮތް މިއީ. ބަސް ފޮތް ބައްލަވައިފިނަމަ ކުރީގެ ބަސް ފޮތުގައި އިނދޭ އެގޮތަށް. އެހެންވެ މި ފަހަރު ނެރުނު އިރު ޖެހީ،" އަޒީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ރަންދިހަ ފަހެއް" ގެ ނޫޓުގައި ކުރީގެ ނޫޓުތަކުގައި ލިޔެފައިވާ ބައެއް ލަފުޒުތަކަށް ބަދަލު ގެނެސްފައިވާނެ ކަމަށެވެ.

"ކުރީގެ ނޫޓުގައި އިންނާނި ގަވަރނަރު. ދިވެހި ބަހުގައި ނީންނާނެ ހުސް "ރ" އެއް. އެއީ ކުރިން ވިސްނިފައި އޮތް ގޮތް. އެކަމަކު މިހާރު ނޫޓުގައި އިންނާނީ ގަވަރުނަރު. މި ކަހަލަ ބަދަލުތައް އަންނާނެ. ބަހަކީ ވެސް ކުރިއަރާނެ އެއްޗެއް. ކުރީގައި އަޅުގަނޑުމެން ބޭނުން ކުރާނީ ރަނގަޅު ރީތި ބަހަށްވާނަމަ އަޅުގަނޑަކަށް ފެންނަނީ ނޫޓު ތަކަކުންކަން ދިރުވާ އާލާކުރަން އެންމެ ރަނގަޅު ވަސީލަތަކީ. އެހެންވެ އަޅުގަނޑު ވަރަށް އުފާވޭ ކުރީގައި އިންނަ ބަހެއް،" ގަވަރުނަރު ވިދާޅުވި އެވެ.

އަޒީމާ ވިދާޅުވީ ނޫޓުތަކުގެ ޑިޒައިން ނެރުމަށް ލަފާ ދެއްވީ އެޑްވައިޒަރީ ކޮމެޓީއަކުން ކަމަށެވެ.

"އެމްއެމްއޭ އިން އެކި ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު މިކަން ކުރީ. މިގޮތަށް ނިންމީ. ނޫޓުގައި ބޭނުންކުރީ ކުރީގެ ބަސް ފޮތެއް. އެ ބަސް ފޮތަކީ ބާތިލްކޮށްފައެއް ނޫން،" ގަވަރުނަރު ވިދާޅުވި އެވެ.