ސްވިޑެން

ރިޓާޔާމެންޓް އުވާލައި އިބްރޮހިމޮވިޗް ގައުމީ ޓީމަށް

ގައުމީ ޓީމުން ރިޓަޔާ ކުރިތާ ފަސް އަހަރު ފަހުން، ރިޓާޔާމެންޓް އުވާލުމަށް ފަހު ސްވިޑެންގެ ތަޖުރިބާކާރު ފޯވަޑް ޒްލަޓާން އިބްރޮހިމޮވިޗް 39، އަލުން ގައުމީ ޓީމަށް ކުޅެން ތައްޔާރު ވެއްޖެ އެވެ.

ސްވިޑެންގެ ކޯޗް ޖޭން އެންޑަސަން ވަނީ، ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޖޯޖިއާ އަދި ކޮސޯވާ އާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް އެކުލަވާލި ސްކޮޑްގައި އިބްރޮމޮވިޗް ހިމަނާފަ އެވެ.

ގައުމީ ޓީމުން 2016 ގައި ރިޓަޔާ ކުރުމުގެ ކުރިން އޭނާ ވަނީ 116 މެޗު ކުޅެ 62 ގޯލް ޖަހާފަ އެވެ. އޭނާ ގައުމީ ޓީމުން ރިޓަޔާ ކުރީ ފްރާންސްގައި 2016 ގައި ބޭއްވި ޔޫރޯގެ ގުރޫޕް ސްޓޭޖުން ސްވިޑެން ކެޓުމަށް ފަހު އެވެ. އޭގެ ފަހުން ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕަށް ވެސް ގައުމީ ޓީމަށް އަލުން އައުމަށް އޭނާ މަސައްކަތް ކުރި ކަމަށް އޭރު ރިޕޯޓްތައް ފެތުރުނެވެ.

އެމެރިކާގެ ލޮސް އެންޖަލިސް ގެލްކްސީގެ ކޮންޓްރެކްޓް ނިމުމަށް ފަހު، 2019 ވަނަ އަހަރު އޭނާ ގުޅުނީ އޭސީ މިލާން އެވެ. މިލަނަށް އަލުން ބަދަލުވެ އޭނާގެ ބޮޑު ހިއްސާ އާއެކު އެ ޓީމު ވަނީ ލީގަށް ވާދަ ކުރާ ޓީމަކަށް ބަދަލުވެފަ އެވެ.

"އެންމެ ފުރަތަމަ ކަމަކަށް ވެސް އޭނާއަކީ ވަރަށް ރަނގަޅު ފުޓްބޯޅަ ކުޅުންތެރިޔެއް ސްވިޑެންގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ،" ސްވިޑެންގެ ކޯޗް އެންޑަސަން ބުންޏެވެ. "އެއީ ވަރަށް ރަނގަޅު ކަމެއް އޭނާ އަލުން ގައުމީ ޓީމަށް އަންނަން ބޭނުންވުން."