ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާއިން އދ އަށް 300،000 ޑޯޒް ކޮވިޑް ވެކްސިން

އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކަށް ދޭން 300،000 ޑޯޒް ކޮވިޑް ވެކްސިން ޗައިނާއިން ހަދިޔާކުރާނެ ކަމަށް އެ ގައުމުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޖާންގް ޖުން ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑު މިއަދު އދ. އަށް އެންގިން ޗައިނާއިން ތިންލައްކަ ޑޯޒް ކޮވިޑް ވެކްސިން އދ. ގެ ސުލްހަ ބަލަހައްޓާ ސިފައިންނަށް ހަދިޔާ ކުރާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ. "ސުލްހަ ބަލަހައްޓާ ސިފައިން ދުޅަހެޔޮ ސިއްހަތެއްގައި ތިބެންޖެހޭ. އދ އިން ބޭނުން ކޮންމެއިރެއްގައި ޗައިނާ އޮންނާނެ އެހީތެރި ވުމުގައި" އެމްބެސެޑަރު ޓްވީޓާގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ ކާމިޔާބުވުން ގާތީ ގުޅިގެންކުރާ މަސައްކަތުން ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އދ. ގެ ސެކިޔުރިޓީ ކައުންސިލްގައި ފެބްރުއަރީގައި ވާހަކަދައްކަވަމުން ވެސް ވަނީ އދ. ގެ ސުލްހަ ބަލަހައްޓާ ސިފައިންނަށް ބީޖިންއިން ކޮވިޑް ވެކްސިން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމްބެސެޑަރު ޖާންގް ވިދާޅުވީ ޗައިނާ ކޮވިޑް ވެކްސިން މުޅި ދުނިޔެއަށް ލިބެންޖެހޭ ކަމަށް ގަބޫލްކުރައްވާ ކަމަށާއި ސުލްހަ ބަލަހައްޓާ ފައުޖުތަކަށް ވެކްސިން ފޯރުކޮށްދެވެންދެން ޗައިނާއިން އަތްދޫކޮށްނުލައްވާނެ ކަމަށެވެ. އަދި މިކަމުގައި ސާބިތުވެ ތިއްބާވާނެ ކަމަށް އދ. ގެ ވެރިޔާ އެންޓޯނިއޯ ގުޓަރެސް އަށް ދެންނެވި ކަމަށެވެ.

ޗައިނާއިން ވަނީ ކޮވިޑަށް ހަތަރު ވެކްސިނަކަށް ހުއްދަދީފަ އެވެ. އަދި އާންމު މާކެޓަށް މިހަތަރު ވެކްސިން ނެރުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ. ބީޖިންއިން މިހާތަނަށް ވަނީ 69 ގައުމަކަށް ވެކްސިން ހަދިޔާކޮށްފަ އެވެ. އަދި 43 ގައުމަކަށް އެކްސްޕޯޓްކޮށްފަ އެވެ. ލިގެން ހުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 60 ގައުމަކުން ވަނީ ޗައިނާ ވެކްސިންއަށް ހުއްދަދީފަ އެވެ.