ރެއާލް މެޑްރިޑްގެ ވެބްސައިޓާއި ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށް ފޭކް އިންޖަރީ ރިޕޯޓެއް ނެރެ އާންމު ކުރި މައްސަލަ ތަހްގީގު ކުރަން ފަށައިފި އެވެ.
ހެކަރުން ވަނީ، ރެއާލްގެ ވެބްސައިޓް ހެކު ކުރުމަށް ފަހު އެ ޓީމުގެ ބްރެޒިލްގެ ފޯވަޑް ރޮޑްރީގޯ ހޮއިސްގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކަމަށް ބުނެ ވެބްސައިޓްގައި ރިޕޯޓެއް އާންމު ކޮށްފަ އެވެ. އަދި އެ ރިޕޯޓްގެ ލިންކް ރެއާލް މެޑްރިޑްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވަނީ ހިއްސާ ވެސް ކޮށްފަ އެވެ.
އިއްޔަ ވެބްޒައިޓްގައި ޝާއިއުކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެ ރިޕޯޓް ހިއްސާ ކޮށްފައިވީ ނަމަވެސް ރޮޑްރިގޯއަށް މިވަގުތު އަނިޔާގެ އެއްވެސް މައްސަލައެއް ކުރިމަތި ވެފައެއް ނުވެ އެވެ. ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި ރޭ އެޓަލާންޓާ އާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ރޮޑްރީގޯ ވަނީ ކުޅެފަ އެވެ.
އެ ރިޕޯޓަކީ ފޭކު ރިޕޯޓެއްކަން އެނގުމުގެ ކުރިން، ކަންބޮޑުވުން އުފެދުނީ މިދިޔަ ހޯމަ ދުވަހު ރެއާލްގެ ފޯވަޑް އެޑެން ހަޒާޑަށް އަނިޔާވެފައި ވަނިކޮށް އަނެއްކާ ރޮޑްރީގޯއަށް އަނިޔާވި ކަމަށް ފެތުރުމުންނެވެ. ވެބްޒައިޓްގައި އެ ރިޕޯޓް ޝާއިިއު ކުރި އިރު ލިޔުނު މީހާގެ ނަން ވެސް ވަނީ ހިމަނާފަ އެވެ. އެހެންނަމަވެސް ރެއާލް މެޑްރިޑްގެ ވެބްޒައިޓްގައި އެފަދަ ލިޔުންތައް އާންމު ކުރާއިރު ލިޔުނު މީހާގެ ނަމެއް އންމު ނުކުރެ އެވެ. އާޓިކަލްގައި ބޭނުން ކޮށްފައިވާ ފޮޓޯގެ ފޮޓޯ ގުރާފަރުގެ ނަމުގެ ގޮތުގައި ޖަހާފައިވާ ނަމަކީ ފޭކު ނަމެއްކަން ރެއާލްއިން ވަނީ ދެނެގަންފަ އެވެ.
މީގެ ކުރިންވެސް ރެއާލްގެ ވެބްޒައިޓާއި ސޯޝަލް މީޑިއާ އެކައުންޓްތައް ހެކަރުން ވަދެ ހެކް ކުރި އެވެ. އެގޮތުން 2017 ގެ އޯގަސްޓް ގައި ވާދަވެރި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ރެއާލް އާ ގުޅޭ ވާހަކަ، ރެއާލްގެ ޕްލެޓްފޯމްތަކުގައި ހެކަރުން ޖެހި އެވެ.