ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޝެއިހް މުޖީބުއް-ރަހްމާންއަކީ ލާމަސީލު ލީޑަރެއް: ރައީސް

ޝެއިހް މުޖީބުއް-ރަހްމާނަކީ މިޒަމާނުގެ ޑިމޮކްރަސީ އާއި ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ރައްޔިތުންނާއި ގާތުން ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ހަރުދަނާ ލީޑަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބަންގާބަންދު ޝެއިހް މުޖީބުއް-ރަހްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބަތުގައި ނެޝަނަލް ޕެރޭޑް ގްރައުންޑްސްގައި މިއަދު ކުރިޔަށްގެންދިޔަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ގައުމުގެ މިނިވަންކަމުގެ ބާނީ ޝެއިހް މުޖީބުއް-ރަހްމާނަކީ މުޅި ދެކުނު އޭޝިއާ ސަރަޙައްދުގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު ކަމަށާއި އެ މަނިކުފާނުގެ ހިދުމަތުން ލިބިދޭ ފިލާވަޅުތަކަކީ އެތައް ޖީލަކަށް އިބުރަތް ހާސިލްކުރެވޭނެ މުހިންމު ފިލާވަޅުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބަންގްލަދޭޝްގައި އޮތް ޑިމޮކްރަސީ އާއި ސިޔާސީ މިނިވަންކަމުގެ މޭސްތިރިއަކީ އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.

ބަންގްލަދޭޝް ސަރުކާރުން އެ ގައުމުގެ ތަރައްގީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކުރައްވަމުންގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވާ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު އެ ގައުމުގެ އިގުތިސާދު ކުރިއަރާ ދުވެލި ހަލުވިވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ގައުމުގެ ރައްޔިތުންގެ މިންނެތް ބުރަ މަސައްކަތުން ގައުމުގެ އިގުތިސާދު އަލުން އާރާސްތުކޮށް، އަވަހަށް ކުރިއަރާ، ވަރުގަދަ އިގުތިސާދެއް ބިނާކުރަމުން ދާކަމުގައި ވިދާޅުވިއެވެ.

ބަންގްލަދޭޝް ސަރުކާރުން އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ގިނަގުނަ އެހީތަކެއް ވެދެއްވަމުން ގެންދަވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝް ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. މިފަހުން ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ރާއްޖޭގައި ފައްޓާފައިވާ "ކޮވިޑް-19 ދިފާއު" ވެކްސިން ކެމްޕޭނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ބަންގްލަދޭޝްގެ އެއާފޯސްގެ ސިއްހީ ހިދުމަތްތެރިންގެ ޓީމެއް ރާއްޖެ އައިސް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.