ރާއްޖޭގައި މަސައްކަތްކުރާ އެންމެހާ ބިދޭސީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ރިއާ އެޑްމިރަލް އެސްއެމް އަބުލް ކަލާމް އަޒަދް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް މިއަދު އޮތް ބައްދަލްވުމުުގައި ވާހަކަދައްކަވަމުންނެވެ.
ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ބަންގްލަދޭޝްގެ އައު ސަފީރަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާއިތުވި އަހަރުތަކުގައި ބަންގްލަދޭޝްއިން ރާއްޖޭގެ އިޖްތިމާއީ އިގްތިސާދީ ތަރައްގީ އަށް ވެދީފައިވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ބަންގްލަދޭޝްގެ އައު ސަފީރު ވަނީ ދާދިފަހުން ދެ ގައުމުގެ ދެމެދު ކުރެވުނު މަތީ ފަންތީގެ ދަތުރުފުޅުތަކުގައި ބަދަލުކުރެވުނު އެއްބަސްވުންތައް ތަންފީޒުކޮށް ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ ކޯވިޑް-19ގެ ވެކްސިންދިނުމުގެ ކަންކަމާއި މީހުން ބިނާކުރުމާއި ސިއްހީ ދާއިރާ ތަރައްގީ ކުރުމާއި އަދި ތައުލީމީ ދާއިރާ އާއި ބައިނަލްއަގްވާމީ އަދި ސަރަހައްދީ އެއްބާލުންފަދަ ދެ ގައުމުން އިސްކަންދޭ ކަންކަމުގައި މަޝްވަރާ ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ބަންގްލަދޭޝް މަސައްކަތްތެރިންގެ ބޮޑު އާބާދީއެއް އޮތްކަން ފާހަގަކުރައްވައި ރާއްޖޭގެ އިގްތިސާދީ މަސައްކަތްތަކުގައި ހިއްސާވާ ރާއްޖޭގައި މަސައްކަތްކުރާ އެންމެހާ ބިދޭސީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް، ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އެއްވެސް ތަފާތުކުރުކުރުމެއް ނެތި ވެކްސިން ލިބޭނެ މަގުފަހިކޮށްދެއްވައި ވެދެއްވާފައިވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއިން ބަންގްލަދޭޝްގެ ރައްޔިތުންނަށް އެސްޓްރާޒެނެކާ ވެކްސިންގެ އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެކަމަށްޓަކައި ސަފީރު ދިވެހި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.