ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބަންގްލަދޭޝްގެ ވެރިންނަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވައިފި

ބަންގްލަދޭޝްގެ ރައީސް އަބްދުލް ހާމިދު އަދި އެ ގައުމުގެ ބޮޑުވަޒީރު ޝެއިހް ހަސީނާއަށް ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.

އެމަނިކުފާނު މި ދައުވަތު ދެއްވާފައިވަނީ ބަންގާބަންދު ޝެއިހް މުޖީބުއް-ރަހްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބަތުގައި ނެޝަނަލް ޕެރޭޑް ގްރައުންޑްސްގައި މިއަދު ކުރިޔަށްގެންދިޔަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވަނީ ބަންގްލަދޭޝްގެ ރައީސް އަބްދުލް ހާމިދު އަދި އެ ގައުމުގެ ބޮޑުވަޒީރު ޝެއިހް ހަސީނާއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވާފައެވެ.

މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ގައުމުގެ މިނިވަންކަމުގެ ބާނީ ޝެއިހް މުޖީބުއް-ރަހްމާނަކީ މުޅި ދެކުނު އޭޝިއާ ސަރަޙައްދުގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު ކަމަށާއި އެ މަނިކުފާނުގެ ހިދުމަތުން ލިބިދޭ ފިލާވަޅުތަކަކީ އެތައް ޖީލަކަށް އިބުރަތް ހާސިލްކުރެވޭނެ މުހިންމު ފިލާވަޅުތަކެއް ކަމަށެވެ. އަދި ބަންގްލަދޭޝްގައި އޮތް ޑިމޮކްރަސީ އާއި ސިޔާސީ މިނިވަންކަމުގެ މޭސްތިރިއަކީ އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.

ބަންގްލަދޭޝް ސަރުކާރުން އެ ގައުމުގެ ތަރައްގީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކުރައްވަމުންގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވާ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު އެ ގައުމުގެ އިގުތިސާދު ކުރިއަރާ ދުވެލި ހަލުވިވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ގައުމުގެ ރައްޔިތުންގެ މިންނެތް ބުރަ މަސައްކަތުން ގައުމުގެ އިގުތިސާދު އަލުން އާރާސްތުކޮށް، އަވަހަށް ކުރިއަރާ، ވަރުގަދަ އިގުތިސާދެއް ބިނާކުރަމުން ދާކަމުގައި ވިދާޅުވިއެވެ.