އެސްވާޓިނީގެ އެތައް ސަތޭކަބަޔަކު އެއިޑްސް ޖެހިގެން މަރުވާތަން ތެމްބީ ނިކަމްބުލޭ ވަނީ އޭނާގެ އަމިއްލަ ލޮލުން ދެކެ ފަ އެވެ. އެސްވާޓިނި އަކީ ދުނިޔޭގައި އެޗްއައިވީ ޖެހިފައިވާ މީހުން އެންމެ ގިނަ ގައުމެވެ. އެ ގައުމުގެ ކޮންމެ ހަތަރު މީހަކުން އެކަކީ މި ބަލީގެ ވޭން ތަހައްމަލުކުރަމުންދާ މީހުންނެވެ. ތެމްބީ މިހާރު ފޫގަޅާފައިހުރީ އެއިޑްސް ޖެހިގެން މަރުވާ މީހުންނަށް "ރަނގަޅު މަރެއް" ލިބޭތޯ މަސައްކަތް ކުރުމުގަ އެވެ. ބަލި ޖެހިގެން އެމީހުން އެ ގަންނަ ލަދުން ސަލާމަތްކޮށްދީގެންނެވެ. މިއީ ތެމްބީ އާ ގުޅޭ ގޮތުން ބިބީސީން ލިޔެފައިވާ ރިޕޯޓެއްގެ ޚުލާސާ އެކެވެ.
"ރަނގަޅު މަރަކީ" ކޮބައި ހެއްޔެވެ؟ މި ބަލި ޖެހިގެން މަރުވާ މީހުން މަރުވާ ތިން ގޮތަކަށް މަރުވާތަން ތެމްބީ އަށް ފެނެ އެވެ. ފުރަތަމަ ގޮތަކީ އެންމެ އާންމު ގޮތެވެ. މިގޮތަށް މަރުވާ މީހުން މަރުވާއިރު ތެމްބީގެ މޫނަށް ބަލަހައްޓައިގެން އޮންނަނީ ލޮލުގައި އެއްވެސް އުންމީދެއް ގޮތަކަށެވެ. "އަހަރެންނަކަށް ދެން ކެތެއް ނުވާނެ އެވެ. އަހަރެން ކަންތައް މި ނިމުނީއޭ" ބުނާ ކަހަލަ ގޮތަކަށެވެ. އެމީހުން އަބަދަށްޓަކައި ލޯ މަރާލަ އެވެ. ސިއްރުން އުޅުނު ދިރިއުޅުން ލަދުވެތިކަމާއެކު ނިންމާލާފަ އެވެ. އެއީ އެންމެ "ގޯސްކޮށް" ވާ މަރެވެ.
ދެ ވަނަ ވައްތަރުގެ މަރުގައި މަރުވާ މީހާ މެސެޖެއް ދެއެވެ. ނުވަތަ ބައެއް ފަހަރު އެމީހުން ދެނީ އިންޒާރެކެވެ. އެ މީހުން ދުނިޔެއަށް ދޫކުރާ މީހުންނަށެވެ. އެމީހުންނަށް ދުނިޔެ އުޅުމުން ދަސްވި ފިލާވަޅުތައް އެހެން މީހުންނަށް އެނގެން ބޭނުންވަނީ އެވެ.
ތިން ވަނަ ވައްތަރަކީ އެންމެ ހެޔޮ ގޮތުގައި މަރުވާ މީހުންނެވެ. "ރަނގަޅު މަރެވެ". މިފަދަ މީހުން މަރުވަނީ އެމީހުންގެ އާއިލާއަށް ރަނގަޅު ގޮތްތަކެއް ހޯދާދެވިފައިވާ ކަމުގެ ހިތްހަމަޖެހުމާ އެކުގަ އެވެ. އަދި އެހެން މީހަކާ ނުވަތަ ބަޔަކާ މައްސަލައެއް ޖެހިފައިވާނަމަ އެކަމެއް ވެސް ހައްލުކޮށް އެމީހުންގެ ހިތް ހަލާލު ވެސް ހޯދައިގެންނެވެ. އަދި އެ ބައްޔަކީ އެމީހުންގެ ގޯސްކަމުން ވިޔާނުދާކަމުން ޖެހުނު ބައްޔެއްކަމުގެ އިހްސާސް އެމީހުން ނުކުރެ އެވެ.
މިގޮތަށް މަރުވާ މީހުންނަށް އެމީހުން މަރުވާ ވަގުތު ތެމްބީ އެމީހުން ކައިރީގައި ނުހުއްޓަސް މައްސަލައެއް ނޯވެ އެވެ.
ނަމަވެސް އެޗްއައިވީ ޖެހިގެން މަރުވާ ވަރަށް ގިނަ މީހުން މަރުވާއިރު ތެމްބީ އެމީހެއްގެ ކައިރީގައި ހުންނާނެ އެވެ.
އެސްވާޓިނީ އަކީ ދެކުނު އެމެރިކާގައި އޮންނަ ރަސްކަމެއް ކުރާ ގައުމެކެވެ. ތެމްބީ ދިރިއުޅެނީ އެ ގައުމުގެ ރަށްފުށު ހިސާބުގަ އެވެ. ކުރިން މި ގައުމަށް ކިޔަނީ ސްވާޒީލޭންޑް އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި މި ގައުމަކީ އެޗްއައިވީ އާއި އެއިޑްސް އެޕިޑެމިކްގެ އެޕިސެންޓަރެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އެސްވާޓިނީގައި އޮތް އެޗްއައިވީގެ ހާލަތު މިހާރު ވަނީ ކުރިޔަށް ވުރެ ވެސް މާ ބޮޑަށް ގޯސްވެފަ އެވެ.
އާބާދީގައި 1.3 މިލިއަން މީހުން ތިބި މި ގައުމުގެ 26 ޕަސެންޓް މީހުންނަށް އެޗްއައިވީ ޖެހިފައިވާކަމަށް އަންދާޒާ ކުރެވެ އެވެ. މިއީ ދުނިޔޭގައި ވެސް އެންމެ ގިނައިން އެޗްއައިވީ މީހުން ތިބި ގައުމެވެ.
މިހާރުގެ ހާލަތަކީ މީގެ ކުރީގެ ސާސްކަފްތަކާ އަޅާބަލާއިރު ތަންކޮޅެއް ރަނގަޅު ހާލަތެކެވެ. ކުރިން އަދި މިބަލިމަޑުކަން އޮތީ މާ ބިރުވެރި ހާލަތެއްގަ އެވެ.
ތެމްބީ ބުނި ގޮތުގައި އޭރު އެމީހުންގެ ވަށައިގެން ފެންނަނީ ހުސް މަރެވެ.
އެޗްއައިވީގެ ޚަބަރު ތެމްބީއަށް ފުރަތަމަ އިވުނު ދުވަސްވަރުގެ ހަނދާން އާކުރަމުން އޭނާ ބުނީ އެއީ 1990ގެ މެދުތެރެ ކަމަށެވެ. އޭރު އޭނާ ކައިވެނިކޮށް ފުރަތަމަ ދަރިފުޅު ކިރިޔާ ލިބުނީ އެވެ. އޭރު އޭނާ ދިޔައީ ޔުނިވަސިޓީ އޮފް ސްވާޒިލެންޑްގައި ބެޗްލާޒް ޑިގްރީއަކަށް ކިޔަވަމުންނެވެ. އެ ދުވަސްވަރު ލޭ ހަދިޔާކުރުމުގެ އޮއިވަރެއް އެ ގައުމުގެ މީހުންގެ މެދުގައި އުފެދި އޭނާއާއެކު ކިޔެވި ވަރަށް ގިނަ މީހުން ވެސް ލޭ ހަދިޔާ ކުރި އެވެ. ނަމަވެސް އޭގެ މަދު ހަފުތާއެއް ފަހުން އެ އެންމެން ކިޔެވުން ދޫކޮށްލައި ގެއްލުނީ އެވެ. އެމީހުން ދެން އެނބުރި ކިޔަވާކަށް ނައެވެ.
ދެން ފެތުރެން ފެށި ޚަބަރަކީ އޭރު ލޭ ދިން ގިނަ ބަޔަކު އެޗްއައިވީ އަށް ޕޮޒިޓިވް ވެފައިވާ ވާހަކަ އެވެ. ސަރުކާރުގެ އިދާރާތަކުން އެ ވާހަކަތައް ޔަގީންކޮށް ނުދެ އެވެ.
އޭރު ގިނަ ބަޔަކު ގަބޫލު ކުރަނީ އެ ބަލި ޖެހިއްޖެނަމަ ރަނގަޅުވާނެކަމުގެ އުންމީދެއް ނެތް ކަމަށާއި ވަރަށް އަވަހަށް މަރުވާނެ ކަމަށެވެ. އަދި މިއީ ވަރަށް ވިޔާނުދާކޮށް އުޅޭ ގޯސް މީހުންނަށް އެ ވާހަކަ އެެހެން މީހަކަށް އެނގެން ވެސް ލަދުގަންނަންޖެހޭ ވަރުގެ "ލަދުވެތި" ބައްޔެއް ކަމަށެވެ.
ތެމްބީގެ ކެމްޕަސްގައި ވެސް ބިރުވެރިކަމުގެ އޮއިވަރެއް ދެމިގަތެވެ. ތެމްބީ އާއި އޭނާގެ ބައެއް އެކުވެރިން ލެޔެއް ނުދެ އެވެ. ލޭ ނުދިނީމަ ލޭގައި ބަލި ހުއްޓަސް އެކަން ނޭނގޭނެތީ އެމީހުން އެތިބީ ރައްކާތެރިވެފައި ކަމަށް އޭރު ތެމްބީ އާއި އެކުވެރިންނަށް ހީވި އެވެ.
އޭގެ އެތައް އަހަރެއް ފަހުން ތެމްބީ ހައި ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރިއިރުވެސް އެޗްއައިވީގެ ވާހަކަތައް އިވެމުން ދިޔަ އެވެ. އެގައުމުގެ ބޮޑު ބަޔަކަށް ބަލި ފެތުރި އޭނާ ކިޔަވައިދޭ ސްކޫލްގެ ޓީޗަރުންނާއި ކިޔަވާކުދިން އަދި އޭނާގެ ރައްޓެހިންގެ މެދުގައި ވެސް މި ބަލީގެ ބިރުވެރިކަން ބޮޑުވި އެވެ.
މީހަކަށް އެ ބަލި ޖެހިއްޖެކަން އޭނާއަށް ޔަގީންވާ ގޮތެއް އޮވެ އެވެ. އެއީ އެމީހަކު ކުއްލިއަކަށް ގެއްލޭތީ އެވެ. އޭރު ބަލި ޖެހޭ ކޮންމެ މީހަކުވެސް އަމިއްލައަށް ތަނެއްގައި ތަޅުލެވިގެން އެހެން މީހުންގެ ލޯތަކަށް ފޮރުވިގެން އިނދެ އެވެ. ލަދުން ގޮސް މީހަކަށް މޫނު ދައްކާލަން ވެސް ނުކެރިގެންނެވެ. އޭގެ ދުވަސްކޮޅެއް ފަހުން ދެން ފެންނާނީ އެމީހަކު މަރުވެގެން ނޫހުގައި ޖަނާޒާގެ މައުލޫމާތު ޖަހާފައި އޮއްވަ އެވެ. އޭނާ މަރުވީ ކޮން ބައްޔެއްގައި ކަމެއް އެކަކަށް ވެސް ނޭނގޭނެ އެވެ.
ނަމަވެސް 2000ގެ އަހަރު ތަކުގައި އެޗްއައިވީ އާ ގުޅޭ މައުލޫމާތު އެ ގައުމުގެ ރޭޑިއޯ އާއި ޓީވީތަކުން ކިޔައިދޭން ފެށުމުން އެ ބައްޔަށް މީހުން ހޭލުންތެރިވާން ފެށި އެވެ. އެއާއެކު ތެމްބީ ވެސް އޭނާގެ މައުލޫމާތު މުއްސަނދިކުރުމަށް ލައިބްރަރީއަށް ގޮސް އެ ބައްޔާ ގުޅޭ ލިޔުންތައް ކިޔަން ފެށި އެވެ.
މިއީ ޖިންސީ ގުޅުމުން އަރާ ބައްޔަކަށް ވާތީ ތެމްބީގެ ގައުމުގެ ބައެއް ކޮމިއުނިޓީ ލީޑަރުން މި ވާހަކަތައް އާންމުންނަށް ކިޔައިދެނީ އެމީހުންގެ އަމިއްލަ ތިއަރީ ތަކެއްގެ މައްޗަށެވެ. ބަލި ޖެހެނީ ވިޔާނުދާކޮށް އުޅޭ ގޯސް މީހުންނަށް ކަމަށް ބައެއް ފައްޅިތަކުގެ ފާދިރީން ކިޔައިދޭން ފެށި އެވެ. ސިއްރުން ހޮރަށް ވަދެ މަރުގެ އިންތިޒާރުގައި މީހުން ތިބެނީ އެހެންވެ އެވެ.
ތަމްބީއަށް މިއީ ތެދެއް ނޫންކަން ޔަގީންވެ އެވެ. މީހަކާ އިނދެގެން ވަރަށް އަބުރުވެރި ދިރިއުޅުމެއް އުޅުނު އަންހެނަކު އޭނާގެ ލޯ ކުރިމަތީގައި އެ ބަލީގައި މަރުވިތަން ފެނިފައި ވާތީ އެވެ.
މިކަހަލަ ތާކުތާކުނުޖެހޭ ވާޙަކަތައް ދައްކާ މީހުންގެ ވާހަކަ އަޑުއެހުމުގެ ބަދަލުގައި ބަލިކަމަށް ޝައްކު ކުރެވޭ މީހުންގެ ގޭގެޔަށް އޭނާ ޒިޔާރަތްކުރަން ފެށި އެވެ. އެ މީހުންގެ ހަށިގަނޑުގައި ބަލި ހުރިކަން އެނގުމުން އާއިލާގެ މީހުން އެމީހުންނާ މުޅިން ގުޅުން ކަނޑާލައި އެކަހެރިކޮށްފައި ތިބި މީހުންގެ ކައިރިއަށެވެ. އެމީހުންނަށް ތަމްބީ ޒިޔާރަތްކޮށް އެމީހުންނާ އެކު ވަގުތު ހޭދަކޮށް އުޅެން ފެށި އެވެ.
"ބައެއް ފަހަރަށް އަހަރެން އެފަދަ މީހުންގެ ދޮރުގައި ޓަކި ޖެހީމަ ނުހުޅުވާނެ. އެމީހުން ތިބެނީ އެއަށް ވުރެ މާ ބޮޑަށް ލަދުން. އަހަރެން އެމީހުން ދޮރުހުޅުވާތޯ އިންތިޒާރުކުރަން މަޑުކުރަން. އެމީހުން ބޭނުންނަމަ އަހަރެން އެމީހުންނާ ބައްދަލުކުރާކަށް ބިރެއް ނުގަނެއޭ އެމީހުން ކައިރީ ބުނަން،" ތަމްބީ ބުންޏެވެ.
މިހެން އުޅެނިކޮށް 2002 ގައި ތެމްބީ ކުއްލިއަކަށް މާ ގަދަޔަށް ކެއްސަން ފެށި އެވެ. އޭނާ ހީކުރީ އަރިދަފުސް ރޯގާ ކަމަށެވެ. އަދި އާއިލާއަށް ރޯގާ ޖެހިދާނެތީ އޭނާ އުޅުނީ ވަރަށް ބަލައިގެންނެވެ. އެއް ދުވަހަކު ކެއްސާލިތަނާ ކަރުން ލޭ އައެވެ. އެހިސާބުން ކޮންމެވެސް ކަމެއް ގޯސްކަން އޭނާއަށް ޔަގީންވި އެވެ. އޭނާއަށް ވެސް އެޗްއައިވީ ޖެހުނީކަމަށް ޝައްކުވި އެވެ. ޓެސްޓުކުރުމުން ނަތީޖާ ދެއްކީ ޕޮޒިޓިވް ކޮށެވެ. ތަމްބީ ވެސް އެޗްއައިވީގެ ޝިކާރައަކަށް ވީއެވެ.
އޭގެ ފަހުން ފާއިތުވީ ހަފުތާތަކުގައި ތެމްބީ އަށް ވެސް ބިރާއި ހިތްހަމަނުޖެހުން އަދި ދެން ވާނެ ގޮތެއް ނޭނގި ކަންބޮޑުވުން އިހްސާސްވެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނެވެ.
"އަހަރެންނަށް މިބަލި ޖެހުނީ ކިހިނެއް ހެއްޔެވެ؟ އަހަރެން މަރުވުމުން ތިން ދަރިންނަށް ވާނީ ކިހިނެއް ހެއްޔެވެ؟" އޭރު ތަންބީގެ ހިތަށް އަރަމުން ދިޔަ އެވެ.
ތެމްބީ އަށް ބަލިޖެހުނުއިރު އެޗްއައިވީ އަށް ފަރުވާ ކުރަން ދޭ އެންޓިރެޓްރޯވައިރަލް ބޭސް ގަންނަން މަހަކު 50 ޑޮލަރު ޚަރަދުވެ އެވެ. ތެމްބީގެ ގެޔަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ދެން ދާނީ މި ބޭސް ގަންނާށެވެ.
"މި ބޭސް ގަންނާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން މަރުވާނީ ކޮން އިރަކުން ބާއޭ؟" މިއީ ތެންބީގެ ހިތާހިތާ އޭރު ކުރެވުނު ބައެއް ސުވާލެވެ.
ތެމްބީ ރަނގަޅަށް ވިސްނާފައި ހުރިހާ ކަމެއް އިންތިޒާމްކުރި އެވެ. ބަލި ޖެހިފައިވާ އެހެން މީހުން އެ ވާހަކަ ދައްކަން ލަދު ގަނެ ފޮރުވައިގެން ތިބި ނަމަވެސް ތެމްބީ ކުރި ކަމަކީ އޭނާގެ ހާލަތު އެންމެންނަށް ކިޔައިދިނީ އެވެ.
"އަހަންނަށް ކޮންމެ ގޮތެއް ވީނަމަވެސް އަހަރެން ދެކެ ލޯބިވާ މީހުންގެ އެހީތެރިކަމާއި އެއްބާރުލުން އަހަންނަށް ބޭނުންވާނެކަން އަހަންނަށް ޔަގީން. އެހެން މީހުން ގޮތަށް ލަދުން އަހަރެން ވެސް ސިއްރުން ފިލާ އޮވެއްޖެނަމަ އެ މީހުން ފަދައިން އަހަރެން ވެސް އެގޮތަށް އޮވެ މަރުވާނީކަން ޔަގީންވި،" ތެމްބީ ބުންޏެވެ.
ތެމްބީ އާއި އޭނާގެ ފިރިމީހާ އެމީހުންގެ ކުދިން ގެނެސް ކައިރީގައި ބައިތިއްބާފައި އެމީހުންގެ އެޗްއައިވީ ހާލަތު އޮޅުން ފިލުވައިދިނެވެ. އަދި މިއީ އެއް ފާޚާނާ ބޭނުންކޮށްގެން ނުވަތަ ބައްދާލައިގެން އަރާ ބައްޔެއް ނޫންކަން ވިސްނައިދިނެވެ.
މިފަދަ މީހުންނަށް ޚާއްސަ ޕްރޮގްރާމެއް "ޕީޕަލް ލިވިން ވިތު އެޗްއައިވީ"ގެ ނަމުގައި ހިންގާކަން އެނގުނުކަމަށް ތަމްބީ އަށް އޭރު އޮތީ އެނގިފަ އެވެ. ވީމާ އޭނާ އެ ޕްރޮގްރާމްގައި ބައިވެރިވެ ބަލި ޖެހިފައިވާ މީހުންގެ ހާލަތު ރަނގަޅުކުރަން ކުރެވުނު ހުރިހާ ކަމެއް ކުރަން ނިންމި އެވެ.
އެއީ 2002 އެވެ. އޭގެ އެތައް އަހަރެއް ފަހުން އޭނާ އަކީ މި ޕްރޮގްރާމްގެ ކަންޓްރީ ޑައިރެކްޓަރަށް ވެދާނެކަމަކަށް ތަމްބީ އޭރު ކުޑަވެސް ވެސް ހިއެއް ނުކުރެ އެވެ. އޭނާއަކީ އެ ބަލި ތަހައްމަލު ކުރަމުންދާ މީހަކަށްވުމުން އޭނާއަށް ކުރެވެމުންދާ ތަޖުރިބާތައް ވެގެން ދިޔައީ އެ ބަލި ތަހައްމަލުކުރަމުންދާ އެތައް ބަޔަކު އެމީހުންގެ ވާހަކަތައް ތަމްބީ އަށް ކިޔައިދޭން ހުޅުވުނު ދޮރަކަށެވެ.
އެޗްއައިވީ ޖެހިގެން އެކަން ސިއްރުކޮށްގެން ގޭގައި ފިލާ ތިބި އެތައް ބައެއްގެ ހާލަތު ރަނގަޅަށް ދެނެވޭގޮތްވީ ޚުދް ތަމްބީއަށް އެ ބަލި ޖެހިފައިވާ ކަން މީހުންނަށް އެނގުނު ހިސާބުންނެވެ.
ތަމްބީއާ ބައްދަލުވީ މީހުންގެ ތެރޭގައި ހުވަފަތް އަންހެނަކު ހިމެނުނެވެ. އޭނާގެ ފިރިމީހާ މަރުވީ އެޗްއައިވީ ޖެހިގެންކަން އޭނާއަށް އެނގުނީ ވެސް ފިރިމީހާ މަރުވި ފަހުންނެވެ. އެމީހުން ނިދާ އެނދުގެ ދަށުގައިވާ ވަތްގަނޑެއްގައި އޮތް ސިޓީއެއްގައި ފިރިހެންމީހާ އެ ވާހަކަތައް ލިޔެފައި އޮއްވާ ފެނުނީމަ އެވެ. އެ ފިރިހެންމީހާ ވަނީ އެ ސިއްރާއެކު އެތައް އަހަރެއް ހޭދަކޮށްފަ އެވެ.
ރަށްފުށު ހިސާބުގައި އެންމެ ބޮޑަށް އެޗްއައިވީގެ ހާލަތު ގޯސްވެފައިވާ ސަރަހައްދުތަކުގައި ތިބި މީހުންނަށް އެހީތެރިވުމުގެ ޕްރޮގްރާމް ހިންގި ހީވާގި އަންހެނަކު ކުއްލިއަކަށް އެ ބަލީގައި މަރުވީ ތެމްބީގެ ލޯ ކުރިމަތީގަ އެވެ. އޭނާ ކުރި ބުރަ މަސައްކަތްތަކާއި ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ވާތަން ބެލުމުގެ ފުރުސަތު ނުލިބި އެވެ.
ބައްޕައިން އެމީހުންގެ ކުދި ޅަދަރިން ރޮއިރޮއި ތިއްބާ އެކުދިންނާ ވަކިވެގެންދާތަން ތެމްބީ އަށް ފެނުނެވެ. ޒުވާން ފިރިހެން ދަރިން ވެސް ބަލި ޖެހުމުން ލަދުން ހަލާކުވެފައިވާ ތިބެ ތަމްބީ ކައިރީ ކުރަނީ އެންމެ ސުވާލެކެވެ. "އާޚިރަތުގައި އެމީހުންގެ ކުށަށް މައާފު ލިބިދާނެ ހެއްޔޭ؟" އެވެ. މިފަދަ އެތައް ތަޖުރިބާއެއް ކޮންމެ ދުވަހަކު ތެމްބީ ކުރަމުން ދިޔަ އެވެ.
ތެމްބީ އަކީ ވެސް އެމީހުން ފަދައިން އެޗްއައިވީ ޖެހިފައިވާ މީހެއްކަން އެނގުމުން ބައެއް މީހުން އެމީހުންގެ ފަހު ނޭވާ ދޫކޮށްލާ ވަގުތުކޮޅު ތަމްބީ އެމީހުންނާއެކު ވުމަށް އެދެ އެވެ.
"އަހަރެން އެ ވާހަކަތައް ވަރަށް ސީރިއަސްކޮށް ނަގަން. އަހަންނަށް އެނގޭ އަހަރެންގެ ފަރާތުން އެމީހުން ބޭނުންވަނީ ކޮން ކަމެއްކަން. އެމީހުންގެ ހަޔާތުގެ ފަހު ވަގުތުކޮޅު އެމީހުންގެ އަތުގައި ހިފާލައިގެން އިނދެލާނެ މީހެއް އެމީހުން ބޭނުންވަނީ. އެކަނި އޮވެ ދުނިޔެ ދޫކޮށްދާން ބިރުން އެމީހުން އެގޮތަށް އެދެނީ،" ތެމްބީ ބުންޏެވެ.
ނަމަވެސް ބައެއް މީހުން އެމީހުންގެ ގައިގައި ތެމްބީ އަތްލާކަށް ނުރުހެ އެވެ. ހަމައެކަނި އެތާ ކައިރީ އިނީމަ އެމީހުން ހިތްހަމަޖެހެ އެވެ.
"ކޮންމެ މީހަކަށް ވެސް އަހަރެން ކަންތައް ކޮށްދެނީ އެމީޙުން ބޭނުންވާ ގޮތަށް. އެމީހުންނަށް ހައްގު އިހުތިރާމް ދެން،" ތެމްބީ ބުންޏެވެ.
ރަނގަޅު މަރަކީ ކޮބާ؟
ބައެއް މީހުންގެ ނަޒަރުގައި ރަނގަޅު މަރަކީ އާއިލާގެ އެންމެން ކައިރީގައި ތިއްބާ މަރުވާ މަރުވުމެވެ. ކުއްލި މަރުން މަރުވާ މީހުންނަށް އާއިލާ އަށް ވަދާއުކިޔާނެ ފުރުސަތެއް ނުލިބެ އެވެ. ނަމަވެސް ގިނަ ދުވަހު ބަލިވެ އުޅޭނަމަ އާއިލާގެ މީހުންނަށް އޭނާއާ ހެދި ބޮޑު ބުރައަކަށް ވެއެވެ. އެހެންވެ ރަނގަޅު މަރެއް ކަމަށް ބަލަނި މާ ގިނަ ދުވަހު ވޭނުގައި ނޫޅެ އާއިލާގެ މީހުންނަށް ވަދާއު ކިޔާނެ ފުރުސަތު ލިބި މަރުވާ މަރުވުމެވެ.
ކޮންމެއަކަސް އެޗްއައިވީ މީހުންނަށް އެހީތެރިވުމުގައި ހެޔޮ ހާލުގައި ދުނިޔޭގައި ހުރުމުގެ ފުރުސަތު ތަމްބީ ވަނީ ލިބިފަ އެވެ. އަދި ކުރިއާ އަޅާ ބަލާއިރު އެ ގައުމުގައި އެޗްއައިވީ ޖެހިގެން މަރުވާ މިހުން ވަރަށް ބޮޑުތަން މަދުވެފައިވާ ކަން އޭނާ ފާހަގަ ކުރި އެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން އަނެއްކާވެސް އެޗްއައިވީގެ ހާލަތު ގޯސްވަމުން ދިއުމަކީ ތަމްބީގެ ކަންބޮޑުވުމެކެވެ.
ފާއިތުވީ ފަސް އަހަރު ތެރޭގައި އެސްޓާވިނީ އިން އެޗްއައިވީ ޖެހިގެން މަރުވެފައިވާ މީހުންގެ ނިސްބަތަށް ވުރެ 2020ގައި މަރުވި މީހުން ނިސްބަތުން 10 ޕަސެންޓް އިތުރެވެ. މިއީ ކޯވިޑް-19ގެ ސަބަބުން އެކަށީގެންވާ ފަރުވާ ނުލިބުމުން ދިމާވި ކަމެކެވެ.
އދ. އާ ގުޅިގެން އެސްޓާވިނީ އިން ވަނީ އެޗްއައިވީގެ ހާލަތު ރަނގަޅު ކުރުމުގައި ވަރަށް ރަނގަޅު ކުރިއެރުމެއް ހޯދާފަ އެވެ. ބަލި ޖެހޭ މީހުންނަށް އެކަށީގެންވާ ފަރުވާ ލިބެމުން ދާތީ މަރުވާ ރޭޓްވަނީ ދަށްވެފަ އެވެ. ކުރިން އެޗްއައިވީ އަށް ބޭނުންކުރާ ބޭހަށް މަހަކު 50 ޑޮލަރު ކޮންމެ މީހަކު ޚަރަދު ކުރަން ޖެހުނަސް މިހާރު އެންމެ ޑޮލަރަކަށް އެއްމަހުގެ ބޭސް ލިބެ އެވެ.
ނަމަވެސް ތަމްބީ އާއި އެނޫންވެސް މި ރޮނގުން މަސައްކަތްކުރާ މީހުން ބުނަނީ އަދިވެސް އެމީހުންނަށް ކުރަން ޖެހޭ މަސައްކަތް ގިނަ ކަމަށެވެ.
"ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ މިހާރު 20 އަހަރުން ދަށުގެ ކުދިން. އަދި ޒުވާނުންގެ ތެރެއިން ދެބައިކުޅަ އެއްބައި ތިބީ އެޗްއައިވީ އިންފެކްޝަނެއްގެ ނުރައްކާ ވަރަށް ބޮޑު ހާލަތެއްގައި،" އދ.ގެ ކަމާ ބެހޭ އިދާރާއިން ބުނެފައި ވެއެވެ.
ނަމަވެސް ތެމްބީ ބަލަނީ ތަފާސް ހިސާބަކަށް ނޫނެވެ. އެޗްއައިވީ ޖެހިފައިވާ އަދި އޭގެ ސަބަބުން އެއިޑްސް އަށް ބަދަލުވެފައިވާ މިހުންނާ ބައްދަލުކޮށް ތެމްބީ އެމީހުންނަށް ހަނދާން ކޮށްދެނީ އެންމެ ވާހަކަ އެކެވެ.
"ރަނގަޅު މަރަކީ އަމާން ކަމެވެ". ނަމަވެސް އެޗްއައިވީ އާއި އެއިޑްސް ޖެހިފައިވާ މީހުންގެ ނަފްސަށް އެ ހިތްހަމަޖެހުމެއް އަމާންކަމެއް މަރުވާ އިރުވެސް ލިބެން އުނދަގުލެވެ. އެމީހުން ދުނިޔެ ދޫކުރަނީ ހިތާމަކުރާ ހާލުގަ އެވެ.
"އަހަރެން އެމީހުންނަށް ވިސްނައިދޭން މަސައްކަތްކުރަން އެހެން މީހުން އެމީހުންނާ ދޭތެރޭ ކަންތައް ކުރާނީ އެމީހުން ވެސް އެހެން މީހުންނާ ދޭތެރޭ ކަންތައް ކުރާ ގޮތަށޭ. އެހެން މީހުންނަކަށް ތިމާ ލަދުގަންނައެއް ނުލެވޭނޭ ތިމާގެ އަމިއްލަ ނަފްސުގައި އެ ލަދުވެތިކަން ނެތިއްޔަކާ. އަދި އެއްވެސް ބައްޔެއް ޖެހިގެން ލަދުގަންނާކަށް ނުޖެހެއޭ،" ތެމްބީ ބުންޏެވެ.