ބާސެލޯނާ

މެސީ އާއި ކޫމަންއަށް ލަޕޯޓާގެ ބޮޑު ޔަގީން ކަމެއް

އެފްސީ ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ، އެ ކުލަބުގައި މަޑުކުރުވަން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން، ބާސެލޯނާގެ ރައީސް ކަމުގެ ހުވާ އިއްޔަ ކުރެއްވި ހުއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ރައީސް ކަމުގެ މަގާމަށް ލަޕޯޓާ ދެ ވަނަ ފަހަރަށް ހަވާލުވީ، އިންތިހާބުވިތާ 10 ވަނަ ދުވަހު އެވެ. ޖޫންގައި ކޮންޓްރެކްޓް ހަމަވާ މެސީ ޓީމުގައި މަޑުކުރުވަން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ލަޕޯޓާ ވަނީ މެސީއަށް ދީފަ އެވެ. ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ލަޕޯޓާ ވިދާޅުވަމުން ގެންދެވީ، އެ ޓީމުގެ ކޯޗަކަށް ކުލަބުގެ ކުރީގެ ކެޕްޓަން އަދި ގަތަރުގެ އަލް ސައާދުގެ މިހާރުގެ ކޯޗް ޒަވީ ހެނާންޑޭޒް ގެންނާނެ ވާހަކަ އެވެ. އެހެންނަމަވެސް އިއްޔަ މަގާމާ ހަވާލުވުމަށް ފަހު ލަޕޯޓާ ވިދާޅުވީ މިހާރުގެ ހެޑް ކޯޗް ރޮންލްޑް ކޫމަން އަށް ކުލަބުން އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ރަސްމީކޮށް މަގާމާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގެ ފްރޮޓްލައިންގައި މެސީ ވެސް ހުއްޓެވެ. މެސީ ޓީމުގައި މަޑުކުރުވުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށް ލަޕޯޓާ ވިދާޅުވުމުން ތަރުހީބުގެ އަތްތިލަ ބަޑީގެ އަޑުން މުޅި ހަފުލާ ގަަދަވި އެވެ.

"އަހަރެން މާފަށް އެދެން ލިއޯ [މެސީ]،" މެސީ އާ ދިމާލަށް އެނބުރި ވަޑައިގެން ލަޕޯޓާ ވިދާޅުވި އެވެ. "މިކަމުގައި އަހަރެންގެ އެންމެ ބުރަކޮށް މަސައްކަތް ކުރާނަން އަދި އޭނާއަށް ވެސް އެކަން އެނގޭނެ. މި ކުލަބުގައި އޭނާ މަޑު ކުރުވުމަށް އަހަރެމެން އޭނާއަށް ބާރު އެޅުމަށް ކޮންމެ ކަމެއް ކުރާނަން. ސަބަބަކީ އޭނާ އަކީ ތާރީހްގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ. އަހަރެން މާފަށް އެދެން އަހަރެން ކަލޭ [މެސީ[ އާ މެދު ޝައުގުވެރިވޭ އަދި ބާސެލޯނާވެސް ކަލޭ ދެކެ ލޯބިވޭ. މި ސްޓޭޑިއަމް ފުރިފައި އޮންނަހާ ހިނދަކު މި ކުލަބުން ދާކަށް ކަލޭ ބޭނުމެއް ނުވާނެ."

ލަޕޯޓާ ވިދާޅުވީ، ކުލަބު ދޫކޮށްލަން މެސީ ނިންމައިފިނަމަވެސް އެ ނިންމުމަށް އޭނާ އިހްތިރާމް ކުރާނެ ކަމަށެވެ. ލަޕޯޓާ ހުވާ ކުރުން ލަސްވެގެން ދިޔައީ، ކުލަބުގެ މަގާމަށް އިންތިހާބު ވުމަށް ފަހު ހުވާ ކުރުމުގެ ކުރިން ހޯދަން ޖެހޭ 125 މިލިއަން ޔޫރޯގެ ގެރެންޓީ ހޯދުން ލަސްވުމުންނެވެ. ކުލަބުގެ ގަވާއިދުގައި ބުނަނީ އިންތިހާބުވާތޯ 10 ދުވަހުގެ ތެރޭގައި އެ ފައިސާގެ ޔަގީންކަން ލިބެންޖެހޭނެ ކަމަށެވެވެ.

އެ ފައިސާ ހޯދުން ލަސްވެގެން ދިޔައި، ލަޕޯޓާގެ ބޯޑަށް އިންތިހާބުވި، މާލީ ނައިބު ރައީސް ޖައުމޭ ޖީރޯ މަގާމުން އިސްތިއުފާ ދިނުމުންނެވެ. ފުރަތަމަ ހަމަޖެހިފައި އޮތީ އޭނާ ކުރިން އެގްޒެކެޓިވް ބޯޑު މެންބަރުކަން ކުރި ފުންޑާސިއޯ ކަޒިއާ ބޭންކް މެދުވެރިކޮށް އެ ގެރެންޓީ ލިބޭނެ ގޮތަށެވެ.

ގީރޯ ބޭޏުންވީ، ކުލަބުގެ ފައިނޭންސް ޑިޕާޓްމެންޓްގެ އެންމެ އިސްވެރިޔާގެ ގޮތުގައި އޭނަ ހުރުމަށެވެ. އެހެންނަމަވެސް އެ ބާރުތަައް ދޫކޮށްލަން ލަލޕޯޓާ ބޭނުން ނުވުމުން ހިޔާލު ތަފާތުވެ ގީރޯ އިސްތިއުފާ ދިނީ އެވެ. ފަހުން ލަޕޯޓާ ވަނީ އެހެން ފަރާތެއް މެދުވެރިވެ އެ ފައިސާގެ ގެރެންޓީ ހޯދާފަ އެވެ. އެކަން އިއްޔަގެ ނިޔަލަށް ނުކުރެވުނު ނަމަ އަނެއްކާވެސް އާ އިންތިހާބަކަށް ބާސާއިން އިއުލާން ކުރާނެ އެވެ.

ލަޕޯޓާ ވަނީ 2003 އިން 2008 އަށް ބާސާގެ ރައީސްކަން ކޮށްފަ އެވެ. އޭނާގެ ފުރަތަމަ ދައުރަކީ ބާސާ މިފަހުގެ ތާރީހުގައި ފެނުނު ކާމިޔާބު ދުވަސްތަކުގެ ބިންގާ އަޅައިދިން ދުވަސްވަރެވެ.