ދައުލަތަށް ގެއްލުންވާ ގޮތަށް ބޭސްތަކެއް އެތެރެކުރި މައްސަލައެއްގައި އެސްޓީއޯގެ ކުރީގެ އިސް ދެ ވެރިންނަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީ އިން މިމައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީގެ އޮފީހަށް ފޮނުވާފައި ވަނީ އެސްޓީއޯގެ މެޑިކަލް ސާވިސް ޑިޕާޓްމަންޓުގެ ހެޑުގެ މަގާމުގައި ކުރިން ހުންނެވި ސ. ހިތަދޫ ގުލްޒާރުގޭ، ހުސައިން ސޮބާހާއި އެ ޑިޕާޓްމަންޓުގެ ޕްލޭނިން މެނޭޖަރަށް ހުންނެވި ފުވައްމުލަކު ޖިއްދާ، ހަމްދާން ފާއިޒުގެ މައްޗަށެވެ.
އޭސީސީ އިން ނެރުނު ބަޔާނެއްގައި ބުނީ، މި ދެ ބޭފުޅުންނަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ 2016 ވަނަ އަހަރު އެސްޓީއޯ އިން އިމްޕޯޓް ކުރި "އެޓޮކޯ" ބޭހުގެ މުއްދަތު 2018 ވަނަ އަހަރުގެ މާޗް މަހަށް ހަމަވި ނަމަވެސް، އެބޭހުގެ އެހެން ބެޗެއް ހަމަ އެއަހަރުގެ ޑިސެމްބަރުގައި އޯޑަރުކުރި މައްސަލައިގައި ކަމަށެވެ.
މި ދެ ބޭފުޅުންގެ މައްޗަށް އުފުލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
އެކޮމިޝަނުން ކުރި ތަހުގީގުން "އެޓޮވަސްޓެޓިން" ގެ ބްރޭންޑެއް ކަމަށްވާ އެޓޮކޯ ގެ 40 މިލިގްރާމް އަލަށް ރާއްޖެ ގެނައުމަށް، އިތުރު ބޭސް ހިމެނޭގޮތަށް ރާއްޖެއިން ބޭރުގެ ބޭސް އުފައްދާ ކުންފުންޏަކާއެކު 2015 ގައި ލައިސަންސް އެންޑް ސަޕްލައި އެގްރިމެންޓެއްގައި ސޮއިކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށް އޭސީސީން ބުންޏެވެ. އެ ބޭހުގެ 40 މިލިގްރާމް އަކީ އޭގެ ކުރިން ގެނެސްފައިނުވާ އެ ބޭހުގެ އާ ޑޯޒެއް ކަމަށްވާއިރު، ރާއްޖޭގެ މާކެޓްގައި އެބޭހުގެ ބޭނުން އޮތް މިންވަރު ބަލާފައިވާކަން ލިޔުމުން އެނގެން ނެތް ކަމަށް އޭސީސީގެ ތަހުގީގަށް ފާހަގަކުރެވުނު ކަމަށް ބުންޏެވެ.
އެއީ ހާޓްއެޓޭކް ނުވަތަ ސްޓްރޯކު ޖެހިގެން ގެންދާ ބަލި މީހުންނަށް ހައި ޑޯޒޭޖެއް ދިނުމުގެ ގޮތުން ދޭ ބޭހަކަށްވާއިރު، އެބަލީގެ މީހުންނަށް އާންމުކޮށް ދެނީ 10 މިލިގްރާމާއި 20 މިލިގްރާމް ކަމަށް އޭސީސީ އިން ބުންޏެވެ. އެހެންކަމުން 40 މިލިގްރާމް ދޭން ޖެހޭ މީހުން ނިސްބަތުން މަދުވާނެ ކަމަށާއި އެއީ އާންމުކޮށް ގިނަ ދުވަހަށް ގަވާއިދުން ބަލީމީހުން ބޭނުންކުރުމަށް ޑޮކްޓަރުން ލިޔެދޭ ޑޯޒޭޖެއް ނޫންކަން ކޮމިޝަނުގެ ތަހުގީގަށް ފާހަގަވި ކަމަށް އެބަޔާނުގައި ބުންޏެވެ.
ލައިސަންސް އެންޑް ސަޕްލައި އެގްރީމަންޓްގައި އެސްޓީއޯ އިން އެޓޮކޯގެ 40 މިލިގްރާމްއަށް ފޯކާސްޓްކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ބޭސް އޯޑަރުކޮށް ގެނެސްފައިވާ ކަމާއި، އެސްޓީއޯ އިން 2016 ގައި 560,000 ގުޅަ އޯޑަރުކޮށް ލިބުނު ބޭހުގެ އަގަށް 2.92 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް އޭސީސީ އިން ބުންޏެވެ.
އެހެންކަމުން 2016 ގައި އެސްޓީއޯ އިން އެބޭހުގެ 40 މިލިގްރާމް އިމްޕޯޓް ކޮށްފައި ވަނީ ރާއްޖޭގައި އެބޭހުގެ ޑިމާންޑް އޮތްވަރާ އަޅާބަލާއިރު އެތައް ގުނައެއް އިތުރަށް ކަމަށާއި، ހަމްދާން އާއި ފާއިޒު އަމަލުކުރި ގޮތުން ދައުލަތަށް ދެ މިލިއަނުގެ ގެއްލުން ލިބިފައިވާކަމަށް އޭސީސީގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.