ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާއާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ.

ބަންގާބަންދު ޝެއިހް މުޖީބުއް-ރަހްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކަށް ރައީސް ސޯލިހް ވަނީ ބަންގްލަދޭޝްއަށް ވަޑަައިގެންފައެވެ. މި ދަތުރުފުޅުގެ ތެރެއިން މިއަދު އެމަނިކުފާނު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާއާ ބައްދަލުކުރައްވާ ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލްކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގެ ރައީސް އަބްދުލް ހާމިދު އަދި އެ ގައުމުގެ ބޮޑުވަޒީރު ޝެއިހް ހަސީނާއަށް ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދެއްވާފައެވެ.