ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބަންގްލަދޭޝްއާ ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް އިތުރުކުރަނީ

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވައިގެ ދަތުރުތައް އިތުރުކުރުމަށް ބަންގްލަދޭޝް ސަރުކާރުން ނިންމައިފި އެވެ.

ބަންގްލަދޭޝް ސަރުކާރުން މިކަން އިއުލާނު ކޮށްފައިވަނީ މިއަދު ބަންގްލަދޭޝްގެ ޑާކާގައި، އެ ގައުމުގެ ބޮޑުވަޒީރުގެ އޮފީހުގައި ދިވެހިރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ކުރިޔަށްގެންދިޔަ ރަސްމީ ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ ބައްދަލުކުރައްވާ ދިވެހިރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އޮތް ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަކޮށް އެކި ދާއިރާތަކުން އެއްބާރުލުން ދިނުމަށް މަޝްވަރާކުރައްވާފައިވެއެވެ. މިބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ވަނީ ދެ ގައުމު ދޭތެރޭ ބީމާ އެއާލައިންގެ ފްލައިޓްތަކުގެ ދަތުރުތައް ފައްޓަވާކަން އިއުލާނުކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން ދެ ގައުމުގެ މެދުގައި ވައިގެ މަގުން ކުރާ ދަތުރުފަތުރަށް އިތުރު ދޮރެއް ހުޅުވި، ވައިގެ މަގުން ދެ ގައުމު ގުޅުވައިދިނުމަށް އެހީތެރިވާނެ ކަމުގައި އެ ކަމަނާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

‎ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވައިގެ މަގުން އިތުރު ދަތުރުތައް ބޭއްވުމަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ދިމާވެފައިވާ ގިނަގުނަ މައްސަލަތަކަށް ހައްލުހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބޭރު ގައުމުތަކުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދެއްވުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

‎މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ގައުމުގެ މިނިވަންކަމުގެ ބާނީ ބަންގާބަންދު ޝެއިހް މުޖީބުއް ރަހްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރުމާއިގުޅިގެން ހެޔޮއެދުންތައް އަރިސްކުރައްވާ ބަންގްލަދޭޝްގެ މިނިވަންކަމަށް ރަންޔޫބީލް ފުރޭ މި މުނާސަބަތުގެ ތަހުނިޔާ ވިދާޅުވެފަވެއެވެ.

‎ރައީސުލްޖުމްހޫރިއްޔާ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއެކު މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި، ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުންތައް ވަރުގަދަކޮށް، ދޭދޭ ފަރުދުންގެ މެދުގައި އޮތް ތާރީހީ އަދި ސަގާފީ ގުޅުންތައް އިތުރަށް ފުޅާކުރުމަށް މަޝްވަރާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ މެދުގައިވާ ގުޅުންތައް ބަދަހިވެ، އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.