ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

217،000 މީހަކަށް ވެކްސިން ދީފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 217،597 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިއަދު ވަނީ 1،745 މީހަކަށް ވެކްސިން ދީފައެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން މީހުންނެވެ. މާލެ ސަރަހައްދުގައި މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ހުއްޓާލާފައެވެ.

މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ހުއްޓާލިއިރު 121،630 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަތޮޅުތަކުން މިހާތަނަށް 95،967 މީހަކަށް ވެކްސިން ދީފައިވެއެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން އައީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ނަމަވެސް މިހާރު ވަނީ އިތުރު ދެ ވެކްސިނަކަށް ހުއްދަ ދީފައެވެ. އެއީ ޗައިނާގެ ސިނޯފާމާއި ފައިޒާ-ބަޔޯންޓެކް ވެކްސިނެވެ. ޗައިނާ ސަރުކާރުން ވަނީ ދިވެހިރައްޔިތުންނަށް 200،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.