ރޯދަ މަސް

މިއަހަރު މާލޭގައި ތަރާވީހު ޖަމާއަތް އޮންނާނެ

ކުރިއަށް އޮތް ރޯދަ މަހު މާލެ ސަރަހައްދުގައި ތަރާވީސް -- ތަރާވީހު -- ނަމާދު ޖަމާއަތުގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މިދިޔަ އަހަރު މިސްކިތްތައް ހުރީ ބަންދު ކޮށްފަ އެވެ. ޖަމާއަތުގައި ނަމާދު ކުރުން އޮތީ ހުއްޓާލާފައެވެ.

މި އަހަރުގެ ރޯދަ މަސް އަންނަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ފެށޭއިރު މި ދުވަސްވަރަކީ ވެސް ކޮވިޑްގެ ހާލަތު ގޯސް ދުވަސްވަރެކެވެ. ގައިދުރުކޮށް ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައި އޮތް ނަމަވެސް ހާލަތު ގޯސްވެއްޖެނަމަ ޖަމާއަތް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ. އިލްމުވެރިންގެ ދެކޮޅު ހެދުން ނައިނަމަ މިހާރު އޮންނާނީ ޖަމާއަތް ހުއްޓާލާފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވީ ރޯދަ މަހު ތަރާވީހު ނަމާދު ކުރާނީ ޖަމާއަތުގައި ކަމަށެވެ. ނަމަވެސް މިހާރު އަމަލު ކުރާ ގޮތަށް ގައިދުރުކޮށް ތިބެގެން ކަމަށް ޒާހިރު ވިދާޅުވިއެވެ. އަދި އެހެން ހުރިހާ ރަށްތަކެއްގައިވެސް ޖަމާއަތުގައި ތަރާވީހު ކުރުން އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.