ރޯދަ މަސް

ދަމު ނަމާދު 28 މިސްކިތެއްގައި، އިއުތިކާފަށް ތިބުން 14 މިސްކިތެއްގައި

1433 ވަނަ އަހަރުގެ ރޯދަ މަހުގެ ފަހު ދިހައެއްގައި ދަމު ނަމާދު ކުރުމާއި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އެ މިނިސްޓްރީން ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ފަހު ދިހައެއްގައި 28 މިސްކިތެއްގައި ޖަމާއަތުގައި ދަމު ނަމާދު ކުރާނެ ކަމަށެވެ. އެއީ މާލޭގެ 17 މިސްކިތަކާއި ވިލިމާލޭގެ ހަތަރު މިސްކިތަކާއި ހުޅުމާލޭގެ 8 މިސްކިތެއްގައެވެ.

އެ މިސްކިތްތަކުގެ ލިސްޓެއް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވަނީ 14 މިސްކިތެއްގައެވެ. އެއީ މާލޭގެ 8 މިސްކިތަކާއި ވިިލިމާލޭގެ މަސްޖިދުލް އިހްލާސް އަދި ހުޅުމާލޭގެ ފަސް މިސްކިތެއްގައެވެ. މާލޭގައި އިއުތިކާފަށް ތިބުމަށް ހަމަޖައްސާފައިވަނީ އިސްލާމީ މަރުކަޒާއި މުހައްމަދު ބިން އަބްދުﷲ އާއި މަސްޖިދުލް ފުރުގާން އާއި ޖަލާލުއްދީންގެ އިތުރުން މަސްޖިދުޝަހީދު އަލީ އާއި މަސްޖިދުއް ނޫރު އަދި މަސްޖިދުއް ޝަހީދު އަބްދުއްރަހްމާން އާއި މަސްޖިދުއް އަލީ ހުސައިން ގައެވެ.

ހުޅުމާލޭގައި ޝައިހް ގާސިމް ބިން މުހައްމަދު އަލްޘާނީ އާއި މަސްޖިދު އަޒީޒް މޫސާ އާއި މަސްޖިދު އަމީލް ޖަލީލްގެ އިތުރުން މަސްޖިދުލް އަޞާދިޤާއު އާއި މަސްޖިދުލް މުހައްމަދެވެ.