ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ކޮވިޑް ވެކްސިން: ފުރަތަމަ ޑޯޒްގެ ދެވަނަ ބުރު ފަށަނީ

ކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ މީހުންނަށް ވެކްސިން ޖެހޭނެ ތާރީހެއް އިއުލާނު ކުރާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރަގްރާމް ފެށީ ފެބްރުއަރީ ފުރަތަމަ ދުވަހުއެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ވަނީ ހުއްޓާލާފައެވެ. އޭރު މާލެ ސަރަހައްދުން 121،630 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަތޮޅުތަކުން މިހާތަނަށް 95،967 މީހަކަށް ވެކްސިން ދީފައިވެއެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ މީހުންނަށް ވެކްސިން ޖެހޭނެ ތާރީހެއް އެ އެޖެންސީ އިއުލާނު ކުރާނެ ކަމަށެވެ. އެ އެޖެންސީން މިހެން ބުނެފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން އަލުން ފެށޭނެ ދުވަހަކާއި ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު ކުރަމުން ދަނިކޮށެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް ވެކްސިން ޖެހޭނެ ތާރީހެއް މި އެޖެންސީއިން އިއުލާނެ ކުރާނެ ވާހަކަ ދަންނަވަން
ހެލްތް ޕްރޮޓެކްޝަން އެޖެންސީ | 19 މާޗް 2021

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް 8 ހަފްތާ ފަހުން ފެށުމަށް ވަނީ ނިންމާފައެވެ. އެޗްޕީއޭއިން ބުނީ ވެކްސިންގެ ދެވަނަ ޑޯޒް ދިނުން އަންނަ އޭޕްރީލް މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން އައީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ނަމަވެސް މިހާރު ވަނީ އިތުރު ދެ ވެކްސިނަކަށް ހުއްދަ ދީފައެވެ. އެއީ ޗައިނާގެ ސިނޯފާމާއި ފައިޒާ-ބަޔޯންޓެކް ވެކްސިނެވެ. ޗައިނާ ސަރުކާރުން ވަނީ ދިވެހިރައްޔިތުންނަށް 200،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.