ދ. މީދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އަދި އެ ކައުންސިލްގެ މެންބަރަކު، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑް ކޮށްފި އެވެ. އެ ތިން ބޭފުޅުންނަކީ ވެސް އެމްޑީޕީގެ ބޭފުޅުންނެވެ. ކުރިންވެސް އެ ބޭފުޅުން ތިއްބެވީ ސަސްޕެންޝަން ގައެވެ.
ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ މީދޫ ކައުންސިލާ ގުޅޭގޮތުން އެލްޖީއޭއިން ބެލި މައްސަލައަކަށް ފަހު އެވެ. އެލްޖީއޭއިން ބަލާފައިވަނީ ކައުންސިލަރުންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ނުކުރުމާއި ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ސުލޫކީ މިންގަނޑާއި ހިލާފަށް އަމަލުތައް ބެހެއްޓުން ފަދަ މައްސަލަތަކެވެ.
އެލްޖީއޭއިން ބުނީ އެ އޮތޯރިޓީން އެ މައްސަލަތައް ބެލުމުން އެގޮތަށް އަމަލުކޮށްފައިވާކަން ހާމަވެފައިވާ ކަމަށެވެ. އެއީ ލާމަރުކަޒީ ނިޒާމަށް ނުހަނު ބޮޑު ގެއްލުން ލިބޭ ކަމެއް ކަމަަށް ފެންނާތީ އެ ކައުންސިލަރުން ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ. ސަސްޕެންޑްކޮށްފައިވަނީ މީދޫ ކައުންސިލްގެ ރައީސް އިޔާސް އިސްމާއީލް ލަތީފް އާއި ނާއިބު ރައީސް ޝްރައިފް އިބްރާހިމް ރަޝީދު އަދި ކައުންސިލް މެންބަރު މުހައްމަދު ތައުފީގެވެ. އެ ތިން ކައުންސިލަރުން ސަސްޕެންޑްކޮށްފައިވާ ތިން މަހަށެވެ. މި މުއްދަތުގައި މުސާރަވެސް ނުލިބޭނެ އެވެ.
އެލްޖީއޭއިން ވަނީ އެ މުއްދަތުގައި މީދޫ ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް އެގޮތުގައި ދެމުން ގެންދިއުމަށް އަންގާފައެވެ.
އެލްޖީއޭއިން ކުރިން ވަނީ ތިން ކައުންސިލަރުން ސަސްޕެންޑްކޮށް ޖަވާބުދާރީވުމަށް ފުރުސަތު ދީފައެވެ. ނަމަވެސް އެ މުއްދަތުގައި ޖަވާބުދާރީވާން ދެކޮޅު ހަދާފައިވާ ކަމަށް އެލްޖީއޭއިން ބުންޏެވެ.