ފެން ކަނެކްޝަންތަކުން ބައެއް މީހުން ކްރޮސް ކަނެކްޝަން ހަދައި އޮޅުވާލައިގެން ފެން ބޭނުން ކުރާ މައްސަލަތައް ދިމާވަމުން އަންނަ ކަމަށާއި އޭގެ ސަބަބުން މައްސަލަތައް ދިމާވާއިރު އެއީ މަނާ ކަމެއް ކަމަށް ސަރުކާރު ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ހޯމަ ދުވަހު އަވަސްއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ޝާހް ވިދާޅުވީ ގިނަ ފަހަރަށް ކްރޮސް ކަނެކްޝަން ހަދަނީ ގޭގެ އިމާރާތް ކުރާއިރު ލައިދީފައި ހުންނަ ފެން މީޓަރުތައް ބޭނުން ކޮށްގެން ކަމަށެވެ. އެގޮތުން ބައެއް ކަސްޓަމަރުން އެ ގޭގޭގައި މުއްދަތު ހަމަވެފައިވާ ބިލްތައް ގިނަވެ، ފެން ކަނޑާލުމުން އެ ފެން މީޓަރުތަކުގެ ހޮޅި ބުރި ކޮށްލައިގެން ކްރޮސް ކަނެކްޝަން ހަދާ ކަމަށެވެ.
ޝާހު ވިދާޅުވީ މިދިޔަ ހަފުތާގައި ވެސް މިފަދަ މައްސަލައެއް ދިމާވި ކަމަށެވެ. އަދި ވިދާޅުވީ، ގޭބިސީތަކުން އަމިއްލައަށް ޕަމްޕު ބޭނުން ކުރުމާއި ފެން ވައިރުކުރުމުގެ ސަބަބުން ފެން ކުންފުނިން ދޫކުރާ ފެނުގެ ތެރެއަށް އެހެން ފެން ވަދެެ، ފެނުގެ ރައްކާތެރިކަން ވެސް ގެއްލޭ ކަމަށެވެ.
ގާވައިއިދާ ހިލާފު އެފަދަ ކަމެއް ނުކުރާހާހިނދަކު ކުންފުނިން ދޫކުރާ ފެނުގެ ފުރިހަމަ ރައްކާތެރިކަން އެބައޮތްކަމުގެ ޔަގީންކަން ވެސް ޝާހު ދެއްވި އެވެ.
"އެމްޑަބްލިޔުއެސްސީން ހަރުކޮށްފައި ހުންނަ ފެން މީޓަރާ ހަމައަށް ދާ ފެނަކީ 99.9 ޕަސެންޓް ރައްކާތެރި ފެން. ކުންފުނީގެ ފެނުގެ މިންގަނޑު ވަނީ ޑަބްލިޔުއެޗްއޯގެ ފެނަށްވުރެ ރަނގަޅަށް. ނެޓްވޯކްގެ ތެރެއިން ލިބިގެންދާނީ ރައްކާތެރިފެން" ޝާހް ވިދާޅުވި އެވެ.