މުހައްމަދު މަލީހު ޖަމާލް

ކޮމެޓީއަށް ހާޒިރު ކުރުން ގޯސް، އެކަމަކު ދާނަން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެން އެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމެޓީއަށް ހާޒިރުވާން އެންގުން ގޯސް ކަމަަށާ ނަމަވެސް އެ އެންގުމަށް އިހުތިރާމު ކުރުމުގެ ގޮތުން ކޮމެޓީއަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.

މަލީހު، މަގާމުން ދުރު ކުރަން ދާދި ފަހުން މަޖިލީހުގައި ކުރިއަށް ދިޔަ ވޯޓުގައި ޖަވާބުދާރީ ވުމުގެ ތެރޭގައި އޭނާ ވިދާޅުވީ މަޖިލީހުން ވަޒީރުންނަށް ބިރު ދައްކަމުންދާ ކަަމަށާއި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވާ މަޖުބޫރުކުރި ކުރުން ހެއްކަކަށް ފުދޭ ކަަމަށެވެ.

މަލީހުގެ އެ ތުހުމަތުތަކާ ހިތްޕުޅުހަމަޖެހި ވަޑައި ނުގެން ރައީސް ނަޝީދު އެ ދުވަހު ވަނީ މަލީހު މަޖިލީހުގައި އިތުރުފުޅު ހައްދަވާ ކަަމަށް ތުހުމަތުކުރައްވައި މަލީހުގެ މައްސަލަ އިމްތިޔާޒް ކޮމެޓީއަށް ފޮނުވާނެކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން އެކަން ސާބިތުވެއްޖެނަމަ ދައުވާކުރަން އެދި ޕްރޮސިކިއުޓާ ޖެނެރަލަށް މައްސަލަ ފޮނުވާނެ ކަމަށެވެ.

މަލީހުގެ ތުހުމަތުތަކަކީ މަޖިލީހުގެ އިމްތިޔާޒްތަކުގެ ބާރާއި އިމްތިޔާޒްތަކުގެ އިތުރަށް ގަދަރަށް އުނިކަން ލިބޭ ފަދަ ކަމެއް ކަަމަށް ވިދާޅުވެ އެ މައްސަލަ އިމްތިޔާޒް ކޮމެޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އިމްތިޔާޒް ކޮމެޓީން އެކަމާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ފުރަތަމަ ބަހުސްގައި އެ މައްސަލައިގައި މަލީހު ހާޒިރުކޮށް ސުވާލު ކުރަން ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން އެވެ. އަދި މަލީހުގެ ތުހުމަތުތަކަކީ ކޮން އަސާސެއްގެ މައްޗަށް ކުރާ ތުހުމަތެއްތޯ ބަލަައި ސާފު ކުރަން އޭނާ އެދިވަޑައިގެންފައި ވެއެވެ.

ވަޒީރުންނަށްނަށް ބިރު ދައްކަނީ ކޮންގޮތަކުންތޯއާއި އޭގެ ތަފްސީލް ދިނުމަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގި ދުވަހުވެސް މަލީހުގެ އަރިހުން ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ. ނަމަވެސް މަލީހަށް ވާހަކަފުޅު ދައްކަން ލިބިވަޑައިގެންނެވި ވަގުތު މާ މަދުކަމަށް ވިދާޅުވި އޭގެ ތަފްސީލަކަށް ވަޑައިގެން ނުގެންނެވި އެވެ.

އެހެން ކަމުން މާދަމާ މަޖިލީހުގެ ކޮމެޓީއަށް ހާޒިރުވާން މަލީހަށް ވަނީ އަންގާފައެވެ.

ކޮމެޓީއަށް ހާޒިރުވެވަޑައިގަންނަވާނެކަން ހާމަކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވެވި ސިޓީއެއްގައި މަލީހު ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރަކު ނުވަތަ އެނޫން މީހަކުވެސް އިސްލާމްދީނުގެ އަސްލަކާއި ހިލާފުނުވާ ގޮތުގެ މަތިން ދެއްކި ވާހަކައެއް ނުވަތަ ހުށައެޅި ހުށައެޅުމެއްގެ ސަބަބުން ނުވަތަ ވޯޓް ދިނުމުގައި އަމަލު ކުރި ގޮތެއްގެ ސަބަބުން ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުގީގެއް ހިންގާ ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދުކޮށް ނުވަތަ އެމީހަކާމެދު ދައުވާކޮށް ހަދައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ވަރަށް ސަރީހަ ބަހުން ލިޔެފައިވާ ކަމަށެވެ.

މަޖިލީހުން މިހާރު އަމަލުކުރާ ގޮތުން ރައީސް ނަޝީދުގެ ޑިމޮކްރަޓިކް ކްރްޑެންޝަލް އާއި މެދު ސުވާލުކުރާނެ މީހުން ގިނަވާނެ ކަމަށްވެސް މަލީހުގެ ސިޓީގައިވެއެވެ.