ސަރުކާރުގެ އިތުބާރު ގެއްލިފައިވާ ކަމަށާއި އޮތް ހައްލަކަކީ އަވަސް އިންތިހާބަކަށް ދިއުން ކަމަށް ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގުޅުން ކެނޑިފައިވާކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވި މައްސަލައަށް އިޝާރާތް ކުރައްވާ މަލީހު މިއަދު ވިދާޅުވީ ސަރުކާރާ ދެކޮޅުކަން އެމްޑީޕީ އާއި ރައީސް ނަޝީދު ހާމަ ކުރެއްވުމުން ސަރުކާރުގެ އިތުބާރު ނެތް ކަން ހާމަވީ ކަމަށެެވެ.
އަދި ރައީސް ސޯލިހު ހދ. ކުޅުދުއްފުއްޓަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި އިދިކޮޅު ޕާޓީއަށް ނިސްބަތްވާ އެ ސިޓީގެ ރައްޔިތުން އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވި ގޮވުމުން ވެސް އެކަން ސާފު ވެގެން ހިނގައްޖެ ކަމަށެވެ.
"ރައްޔިތުންގެ ނިންމުމުގެ އަސާސް ގެއްލުނީ. އެހެންވީމަ ހައްލަކީ އަވަސް އިންތިހާބެއް. އިއްޔެ ކުޅުދުއްފުށިން އިވުނީ އެ އަޑު،" މަލީހު ކުރެއްވި ޓުވީޓުގައި ވެއެވެ.
ރައީސް ނަޝީދާ ސަރުކާރާ އެންމެ ބޮޑަށް ގުޅުން ގޯސްވާން މެދުވެރިވި އެއް ސަބަބަކީ ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ "ހިސާން ބިލަ" ށް ސަރުކާރު ތާއީދު ކުޑަވުމެވެ. މެންބަރު ހިސާން ހުސައިން ސްޕޮންސާ ކުރެއްވި އެ ބިލް ފޮނުވީ ވެސް ސަރުކާރުންނެވެ.
"ހިސާން" ބިލުގެ މަސައްކަތް ޖުޑިޝަރީ ކޮމިޓީން ނިންމައި ބިލު ފާސް ކުރަން ކޮމިޓީއަށް ފޮނުވި ނަމަވެސް ރައީސް ސޯލިހަށް ތާއީދުކުރާ މެމްބަރުންގެ އަޣުލަބިއްޔަތާއެކުބިލު ފާސް ނުކޮށް އަލުން ދިރާސާ ކުރަން ވަނީ ކޮމިޓީއަށް ފޮނުވާފަ އެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ އެ ބިލަށް ސަރުކާރުން ތާއީދު ނުކުރާނަމަ އެކުގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ.
ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު އިދިކޮޅު ޕީޕީއެމާއެކު ކޯލިޝަނެއް ހަދަން ވެސް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވައިފަ އެވެ. އެ ކޯލިޝަންގެ ޝަރުތެއްގެ ގޮތުގައި މެދު މިނުގެ ދީނީ ވިސްނުން ހުރުމާއި "ހިސާން ބިލަ" ށް ތާއީދު ކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އިދިކޮޅުން ބުނެފައި ވަނީ އެމްޑީޕީއާއެކު ކޯލިޝަނެއް ހަދާނެ ޖާގައެއް ނެތް ކަަމަށެވެ.