މުހައްމަދު މަލީހު ޖަމާލް

މަގާމުން ދުރުކުރުމުގެ މަސައްކަތަށް މަލީހުގެ ރައްދެއް

ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މަގާމުން ވަކިކުރުމުގެ މަސައްކަތް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމަންޓްރީ ގުރޫޕުން ފެށުމުން އެކަމަށް މިނިސްޓަރު މަލީހު ރައްދެއް ދެއްވައިފި އެވެ.

މަލީހު މަގާމުން ވަކިކުރުމުގައި އިސްކޮށް ހުންނެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އޭނާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރު އޮފް ކޮމިއުނިކޭޝަންސް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި ހުންނެވި މަލީހު ޖަމާލުގެ އިތުބާރުނެތް ކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅައިފި ކަމަށެވެ.

އެ ކަމަަށް އެދި ހުށައެޅި ގަރާރުގައި މަލީހު މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާފައިނުވާ ކަމަށް ބުނެފައިވެއެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ މަލީހު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތު ދޮގުކޮށް އެ ގަރާރު އިސްލާހު ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅާނަމަ ހުށައަަޅަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްގެއް ބޭނުން ކޮށްގެން ކަމަށް ލިޔުއްވުން ރަނގަޅުވާނެ ކަމަަށް މަލީހު ވިދާޅުވިއެވެ. އަދި ކޮމިއުނިކޭޝަން މިނިސްޓްރީ ހިނގާ ގޮތް އޮޅުން ފިލުވުމަށްވެސް މެންބަރުން އަރިހު އެދިވަޑައިގެންނެވިއެވެ.

މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އަބަދުވެސް އަމާޒުވާ އެއް ބޭފުޅަކީ މިނިސްޓަރު މަލީހެވެ. މަލީހަކީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާ ބޭފުޅެއް ނޫން ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވިދާޅުވެއެވެ. އަދި މަގާމުން އިސްތިއުފާ ދެއްވުމަށްވެސް އެ މެންބަރުން މީގެ ކުރިން ގޮވާލާފައިވެއެވެ. މީގެ އިތުރުން މަލީހު މަގާމުން ވަކިކޮށް ދިނުމަށް ރައީސް ސޯލިހަށްވެސް އެ މެންބަރުން ގޮވާލާފައިވެއެވެ.

މަލީހު މަގާމުން ދުރުކުރުމުގެ މަސައްކަތްތަކެއް ފެށީ މިދިޔަ ހުކުރު ދުވަހު ޓީވީ ޝޯ އެއްގައި ބައިވެރިވެވަޑައިގެން މަޖިލީހުގެ މެންބަރުންނަށް މަލީހު ފާޑުވިދާޅުވުމުންނެވެ. އެ ވާހަކަތަކަށް ރައްދުދީ އެމްޑީޕީގެ މެންބަރުން ވަނީ ޓްވީޓްތަކެއްވެސް ކުރައްވާފައެވެ. އަދި މަލީހަށް އެެއްވެސް އިތުބާރެއް ނެތް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ޒާތީވެ ބައެއް މެންބަރުން ޓްވީޓްވެސް ކުރެއްވިއެވެ. އެ ހުރިހާ ޓްވީޓްތައް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރިޓްވީޓްވެސް ކުރެއްވިއެވެ.