ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހަތް ރަށް މޮނިޓަރިންގައި، 207 އެކްޓިވް ކޭސް

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ކޭސްތައް އަތޮޅުތަކުގައި އެންމެ ގިނަ ދުވަސްވަރު ކަމަށާ ރައްކާތެރިކަމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިލްތިމާސްކޮށްފި އެވެ.

މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެޓޯލް ޕްރިޕެއާޑްނެސް ޓީމުގެ ހެޑް އަބްދުﷲ މައުރޫފް ވިދާޅުވީ މިވަގުތު އަތޮޅުތެރޭގައި 207 އެކްޓިވް ކޭސްއެއް އެބަ ހުރި ކަމަށެވެ. ހަތް ރަށް އެޗްޕީއޭގެ މޮނިޓަރިންގައި އޮތްއިރު މިއީ ކޮވިޑް-19 ގެ ކޭސްތައް އަތޮޅުތަކުގައި އެންމެ ގިނަ ދުވަސްވަރު ކަމަަށް މައުރޫފް ވިދާޅުވިއެވެ.

މިވަގުތު އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ހއ. ބާރަށުގައެވެ. އެ ރަށުގައި 36 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 217 ކޮންޓެކްޓުން ވަނީ ފާހަގަ ކުރެވިފައެވެ. އަދި އެ ކޭސްތަކާއި ގުޅިގެން 240 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.

ނ. ނޮޅީހައި 23 މީހަކަށް ކޮވިޑް ޖެހި 190 ކޮންޓެކްޓުން ފާހަގަ ކުރެވިފައިވެއެވެ. މިހާތަނަށް 240 ސާމްޕަލް އެ ރަށުން ނަގާފައިވެއެވެ. ހއ. ދިއްދުގައި 15 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު 26 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.

މީގެ އިތުރުން ކުޑަހުވަދޫން 22 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެ ރަށުން 155 މީހަކު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވި 427 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އެ ކްލަސްޓާއާ ގުޅުންހުރި މީހަކު ވަނީ ދ. މީދޫއިންވެސް ފެނިފައެވެ. އެ ކޭސްއާ ގުޅުންހުރި 60 މީހަކު ތިބިއިރު އއ. ތޮއްޑޫގައި ހަތް މީހަކަށް ބަލި ޖެހިފައިވެއެވެ. 88 މީހެއްގެ ސާމްޕަލް އެ ރަށުން ނަގާފައިވެއެވެ. އުނގޫފާރުން ފަސް މީހަކު ޕޮޒިޓިވްވެ 118 މީހެއްގެ ސާމްޕަލް މިހާރު ވަނީ ނަގާފައެވެ.

އަދި އދ. ފެންފުށީގައި ދެ ކޭސް، ހދ. ކުޅުދުއްފުށި އަދި ނިލަންދޫއިންވެސް މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.