މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ތެރެއަށް ނިސްބަތްވާ މީހުންގެ ތެރެއިން އަމިއްލަ ރަށަށް ބަދަލުވުމަށް އެދޭ އާއިލާތަކަށް އެހީވާން ސަރުކާރުން ހުޅުވާލި ފުރުސަތުގެ ދަށުން ދެ އާއިލާއެއް ރަށަށް ބަދަލު ކޮށްދީފި އެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މާލޭގައި ދިރިއުޅެވޭނެ ގޮތެއް ނެތި އެތައް ބަޔަކަށް ވަނީ އުނދަގޫތައް ދިމާވެފަ އެވެ. އެކަމަށް ހައްލެއް ހޯދައިދޭން ރަށަށް ބަދަލުވެވޭނެ އިންތިޒާމު ހަމަޖައްސައިދީ އެހީތެރިވާން ސަރުކާރުން ވަނީ ނިންމާފަ އެވެ.
ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ޖެންޑާ މިނިސްޓްރީން ހުޅުވާލާފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އަމިއްލަ ރަށުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 13 އާއިލާއަކުން އެކަމަށް އެދިފައިވާ ކަމަށެވެ. އަދި ރަށަށް ބަދަލުވާން ހުށަހަޅާ އާއިލާތައް ހޮވަނީ އެކަމަށް ހާއްސަ ކޮމިޓީ އަކުން ކަމަށާއި އެގޮތުން ހަތް އާއިލާއެއްގެ ހާލަތު ދެނެގަތުމަށް އެސެސްމަންޓް ހަދާ ނިންމާލާފައިވާ ކަމަށެވެ.
ހަތަރު އާއިލާއެއް ރަށަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖައްސައި ދެ އާއިލާއެއް މިހާރު ރަށަށް ބަދަލުކޮށްފައި ވެއެވެ.
މި ޕްރޮގްރާމަކީ ކޮވިޑާއި ގުޅިގެން ރާއްޖޭގައި މިހާރު އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ގައުމުގެ އިގްތިސޯދީ ހާލަތާއި ކުރިމަތިވެފައިވާ އިޖުތިމާއީ މައްސަލަތަކަށް ހައްލެއް ހޯދައިދޭ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ދަށުން 500 އާއިލާއެއް ސަރުކާރުގެ ހަރަދުގައި ރަށްރަށަށް ގެންގޮސްދޭ އިރު ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން މި ޕްރޮގްރާމުގައި 26.7 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.