މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންގެ ތެރެއިން ރަށްރަށަށް ބަދަލުވާ އެދޭ އާއިލާތަކަށް އެހީވާން ސަރުކާރުން ނިންމައިފި އެވެ. ސަރުކާރުގެ އެ ނިންމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ވަނީ އިއުލާނު ކުރައްވާފައެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އެކި ރަށްރަށަށް ނިސްބަތްވާ އާއިލާތަކުން، ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މާލޭގައި ދިރިއުޅެވޭނެ ގޮތެއް ނެތި ނުތަނަވަސް ކަމުގައި ދަނީ އުޅެމުންނެވެ. އެކަމަށް ހައްލެއް ހޯދާދީ އެ މީހުންގެ ރަށަށް ބަދަލުވެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށާ އެކަމަަށް އެހީތެރިވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ދަރިންނާއެކު މާލޭގައި ދިރިއުޅެމުން އަންނަ އާއިލާތަކުގެ ތެރެއިން ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް ސަރުކާރުން އެހީތެރިވެދޭނެ ކަމަށެވެ. އަދި އެ މިނިސްޓްރީގެ ހޮޓްލައިން 1421 އަށް ގުޅާ މައުލޫމާތު ހިއްސާކޮށް ދިނުމަށް ވަނީ އެދިފައެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ އަހަރަކު 500 އާއިލާއެއް ރަށަށް ބަދަލުވާން އެހީތެރިވާން ނިންމާފައިވާ ކަމަަށެވެ. އެ ކަމަަށް ދައުލަތުން 26.7 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ. އެ މަސައްކަތް ފެށުމަށް "އަމިއްލަ ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުން" ނަމުގައި ހާއްސަ އުސޫލެއް ވަނީ އެކުލަވާލާފައެވެ. އެ އުސޫލު ވަރަށް އަވަހަށް ގެޒެޓް ކުރާނެ އެވެ. ރަށަށް ބަދަލުވާ އާއިލާތަކަށް ދިރިއުޅެވޭނެ މަގު ތަނަަވަސް ކޮށް ދިނުމަށް ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފައިސާ، ލޯނުގެ ގޮތުގައި ދިނުމަށްވެސް ވަނީ ނިންމާފައެވެ. އަދި ފަސޭހައިން ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމުކުރާނެ އެވެ.
ރަށަށް ބަދަލުވާން ހުށައަޅާ އާއިލާތަށް ހޮވާނީ އެކަމަށް ހާއްސަ ކޮމެޓީއަކުންނެވެ. އެ ކޮމެޓީން ބޮޑެތި އާއިލާތަކާއި ކުޑަކުދިން ގިނަ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނޭ އާއިލާތަކަށް އިސްކަން ދޭނެ އެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެތަށް ބައެއްގެ ވަޒީފާ ގެއްލި ދިރިއުޅުމުގެ ހާލަތު ދަށްވެފައިވާ އާއިލާތައް ވަރަށް ގިނައެވެ. މާލޭގައި ކުލި ދީގެން ދިރިއުޅޭ ބައެއް އާއިލާތަކަށް ކުލި ދެއްކޭނެ ގޮތެއް ނެތި މަގުމަތިވެސްވިއެވެ. ބައެއް އާއިލާތައް މިހާރުވެސް ވަނީ މާލެ ދޫކޮށް އެމީހުން އުފަން ރަށްރަށަށް ބަދަލުވެފައެވެ.