ހަބަރު

ބަދަލުވާ އާއިލާތަކަށް އެހީތަކާއެކު މަހަކު 3،000ރ. ގެ އެލަވަންސް

Jan 29, 2021
10

ރަށްރަށަށް ބަދަލުވާ އެދޭ އާއިލާ ތަކަށް އެހީގެ ގޮތުގައި ގެ މަރާމާތުކޮށް، ފަރުނީޗަރު ހޯދުމުގެ މަސައްކަތުގެ ބައެއްގެ ހަރަދުގެ އިތުރުން މަހަކު 3،000ރ. ގެ އެލަވަންސެއް ލިބޭނެ އެވެ.

ސަރުކާރުން ވަނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން، އިގްތިސޯދު ހީނަރުވުމުގެ ސަބަބުން އާމްދަނީއަށް އަސަރުކޮށް މާލޭގައި ދިރިއުޅެވެން ނެތިގެން ބަދަލުވާން ބޭނުންވާ އާއިލާތައް ރަށަށް ބަދަލު ވާން އެހީވާން ނިންމާފަ އެވެ. އަހަރަކު 500 އާއިލާއެއް ރަށަށް ބަދަލުވާން ދައުލަތުގެ ބަޖެޓުން 26.7 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.

ޖެންޑަ މިނިސްޓްރީން މިހާރު ވަނީ ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތައް އަމަލު ކުރާނެ ގޮތުގެ އުސޫލެއް ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.

މި އުސޫލުގައިވާ ގޮތުގައި ރަށަށް ބަދަލުވާ މީހުންނަށް "އެސްޓަބްލިޝްމަންޓް ސަޕޯޓް އެލަވަންސް" ގެ ގޮތުގައި ހަ މަސް ދުވަސް ވާންދޭން ކޮންމެ މަހަކު 3،000ރ. ދޭނެ އެވެ. މި ފައިސާއަކީ ރީލޮކޭޓް ވުމަށް ނުވަތަ ރަށަށް ބަދަލުވާން ކުރަންޖެހޭ ދަތުރުފަތުރުގެ ހަރަދު ހަމަޖައްސައި ދޭން ފޯރުކޮށްދޭ މާލީ އެކެވެ. މި އެހީއަށް އެދި ހުށަހެޅޭނީ އެ ފަރާތުގެ ބެލުމުގެ ދަށުގައި އެންމެ މަދުވެގެން 18 އަހަރުން ދަށުގެ ކުއްޖަކު ހުންނަ ނަމަ އެވެ.

މި އެހީ ފޯރު ކޮށްދޭނީ ވަޒަންވެރިވާން އެދޭ ރަށަށް ދަތުރުކުރުމުގެ އެއްކޮޅު ޓިކެޓަށް ހިނގާ ހަރަދެވެ. މި އެހީއަށް އެދޭ ފަރާތުގެ މާލީ ހާލަތާއި ދިރިއުޅުން ބަދަލު ކުރަން އެދޭ މެންބަރުންގެ އަދަދާއި ވަޒަންވެރިވާން އެދޭ ރަށަށް ރިޢާޔަތްކޮށް، ހަރަދުގެ ޕަސެންޓެއް އެހީގެ ގޮތުގައި ހަމަޖައްސައިދެ އެވެ.

ގޯތި / އިމާރާތަށް މާލީ އެހީގެ ދޭނެ

އެހީއަށް އެދޭ ފަރާތުގެ މާލީ ހާލަތާއި، ދިރިއުޅުން ބަދަލު ކުރަން އެދޭ ގޯތި ނުވަތަ އިމާރާތުގެ ހާލަތަށް ރިއާޔަތްކޮށް، މަރާމާތު ކުރުމަށް ހިނގާނޭ ހަރަދުގެ ޕަސެންޓެއް އެހީގެ ގޮތުގައި ހަމަޖައްސައިދޭނެ އެވެ.

ހިފައިގެންގުޅޭ ތަކެތި ހޯދުމަށް އެހީދޭނެ

އެހީއަށް އެދޭ ފަރާތުގެ މާލީ ހާލަތާއި، ދިރިއުޅުން ބަދަލުކުރަން އެދޭ ގޭގެ ހާލަތަށް ރިޢާޔަތްކޮށް، ތަކެތި ހޯދުމަށް ހިނގާނޭ ހަރަދުގެ ޕަސެންޓެއް އެހީގެ ގޮތުގައި ހަމަޖައްސައިދޭނެ އެވެ. މީގެ އިތުރުން ފަރުނީޗަރު ހޯދަން ހިނގާނެ ހަރަދުގެ ޕަސެންޓެއް އެހީގެ ގޮތުގައި ދޭނެ އެވެ. ފަރުނީޗަރުގެ ގޮތުގައި ފޯރުކޮށްދޭނީ ނިދާ އެނދާއި ގޮދަޑި އާއި ގޮނޑި އަދި މޭޒުގެ އިތުރުން އަލަމާރި ފަދަ ތަކެއްޗެވެ.

މާލީ އެހީގެ އިތުރުން ރަސްމީ ތައުލީމު ހާސިލުކުރާ އުމުރުފުރައިގެ ކުދިންނަށް، ބަދަލުވާ ރަށުގެ ސްކޫލުން ޖާގަ ހޯދައި ދިނުމަށް، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެހީތެރިވާނެ އެވެ. އަދި ޖޮބް ސެންޓަރުތައް މެދުވެރިކޮށް ވަޒީފާގެ ފުރުސަތު ހޯދުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް މަގު ފަހިކޮށްދޭނެ އެވެ.

މަސައްކަތެއް ފަށައިދޭން އެހީވާނެ

މީގެ އިތުރުން އެގްރި ބިޒްނަސް ނުވަތަ ހޯމް ބޭސްޑް ބިޒްނަސް އަދި އާމްދަނީ ހޯދުމަށް ބޭނުންވާ ތަކެތި ގަތުމަށް ލުއި ލޯނު ފަދަ ވަސީލަތްތައް ހޯދުމަށް، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް މަގުފަހިކޮށް ދޭނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު އެހީ ހޯދުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް މަގު ފަހިކޮށްދޭނެ އެވެ.