ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ޖެންޑާ މިނިސްޓްރީން ހުޅުވާލައިފި އެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ، "ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމް" ގެ ދަށުން އެކަމަށް ބޭނުންވާ ފަރާތްތަކަށް މިހާރު ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އަމިއްލަ ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކުން މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 1421 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި، ކޮވިޑް އާއި ގުޅިގެން ރާއްޖޭގައި މިހާރު އޮތް ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ގައުމުގެ އިގްތިސާދީ ހާލަތަށާއި އިޖުތިމާޢީ ހާލަތަށް ކުރިމަތިވެފައިވާ ދަތިކަން ހައްލުކޮށް، އާންމު ހާލަތަށް ރުޖޫއަވުމަށް މަސައްކަތް ކުރުން ހިމެނެއެވެ. އަދި އާއިލާތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ވެސް މި ޕްރޮގްރާމުގެ މަގުސަދެއް ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 500 އާއިލާއެއް ސަރުކާރުގެ ހަރަދުގައި ރަށްރަށަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން މި ޕްރޮގްރާމުގައި ޖުމްލަ 26.7 މިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ހަމަޖެހިފަ އެވެ.
ރަށަށް ބަދަލުވާން ހުށައަޅާ އާއިލާތައް ހޮވާނީ އެކަމަށް ހާއްސަ ކޮމެޓީއަކުންނެވެ. އެ ކޮމެޓީން ބޮޑެތި އާއިލާތަކާއި ކުޑަކުދިން ގިނަ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނޭ އާއިލާތަކަށް އިސްކަން ދޭނެ އެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެތަށް ބައެއްގެ ވަޒީފާ ގެއްލި ދިރިއުޅުމުގެ ހާލަތު ދަށްވެފައިވާ އާއިލާތައް ވަރަށް ގިނައެވެ. މާލޭގައި ކުލި ދީގެން ދިރިއުޅޭ ބައެއް އާއިލާތަކަށް ކުލި ދެއްކޭނެ ގޮތެއް ނެތި މަގުމަތިވެސްވިއެވެ. ބައެއް އާއިލާތައް މިހާރުވެސް ވަނީ މާލެ ދޫކޮށް އެމީހުން އުފަން ރަށްރަށަށް ބަދަލުވެފައެވެ.