ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ނުލިބޭ ކަމަށް ބުނެ ކުއްލި މައްސަލައެއް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
އެޗްޕީއޭގެ ގައިޑްލައިންތަކުގެ ދަށުން ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރަން ރަށްރަށަށް ދާ ފަރާތްތަކުން އެ ރަށްރަށަށް ދިއުމަށް ފަހު ކަރަންޓީން ވާން ޖެހެ އެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ރަށްރަށަށް ދިއުމަށް ފަހު ކަރަންޓީން ނުވެ ކެމްޕޭން ކުރަމުންދާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.
ސައީދު މިއަދު މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންތަކުން ސިޔާސީ މަންފާ އެންމެ ފުޅާ މިނުގައި ނަގައި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި ކުންފުނިތަކުގެ ވެރިން ކަރަންޓީ ނުނުވެ ސިޔާސީ ހަރަކާތްތައް ހިންގުމަކީ ސަރުކާރުން ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ބެެލެވެން އެބައޮތް ކަމަށެވެ.
ގާނޫނޫ އަސާސީ ލާޒިމްކުރާ ހަމަހަަމަ ފުރުސަތުތަކެއް ފަހިކޮށްދީ އިންތިހާބުގައި ވާދަ ކުރާ ހުރިހާ ޕާޓީތަކަށް ހަމަހަމަ ފުރުސަތުތައް ދިނުމަށް ސައީދު އެދިވަޑައިގެންފައި ވެއެވެ. އޭނާގެ އެ މައްސަލައަށް މިއަދު މަޖިލީހުގައި ވަނީ ބަހުސް ފަށާފަ އެވެ.