ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހު ހުޅުވާލުމަށް ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން ނިންމާފަ އެވެ.
މި އިނާމަކީ ކަނޑައެޅޭ މިންގަނޑުތަކެއްގެ މަތިން ބަލައި، އެ މިންގަނޑުތަކުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު، ޝަރަފުވެރިކަމުގެ ގައުމީ އިނާމެކޭ އެއްފެންވަރެއްގައި ދެވޭ އިނާމެކެވެ.
އިނާމު ދިނުމުގައި ކޮމިޓީން ބަލާނެ މައިގަނޑު ކަންކަމުގެ ތެރޭގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލްކަމާއި އިޚްލާސްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، ހިދުމަތްކުރި މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ މަސައްކަތްތަކާއި، އެ މުއައްސަސާއަކުން ހިންގާފައިވާ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ ޚިދުމަތް ކޮށްފައިވާ މިންވަރާއި، ހާސިލްކޮށްފައިވާ ކާމިޔާބީތައް ހިމެނެ އެވެ.
އިނާމު ދިނުމުގައި ކޮމިޓީން ބަލާނެ މައިގަނޑު ކަންކަން
- ހާސިލްކޮށްފައިވާ ކާމިޔާބީތައް
- މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލްކަމާއި އިޚްލާސްތެރިކަން
- ހިދުމަތްކުރި މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ މަސައްކަތްތައް
- މުއައްސަސާއަކުން ހިންގާފައިވާ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ ޚިދުމަތް ކޮށްފައިވާ މިންވަރު
ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް "ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު"ގެ ނަމުގައި ގައުމީ ފެންވަރުގެ އިނާމެއް ދިނުމަށް ނިންމާ، ސަރުކާރުން އެކަން އިއުލާންކުރީ މިދިޔަ ފެބުރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ.
މި އިނާމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މީގެކުރިން ވިދާޅުވީ ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި އިޚްލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ގިނަ އަދަދެއްގެ ބޭފުޅުން އެބަތިއްބެވި ކަމަށެވެ. އެހެންކަމުން އެބޭފުޅުންގެ ހިދުމަތްތަކަކީވެސް ގައުމީ ފެންވަރެއްގައި ބަލައިގަނެ، ފާހަގަކުރަންޖެހޭނެ ހިދުމަތްތަކެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.