ހަނިމާދޫ

ހަނިމާދޫ އެއާޕޯޓް ހަދަން އިންޑިއާ އެގްޒިމް ބޭންކުން ހުޅުވާލައިފި

Mar 24, 2021
3

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް (އެޗްއައިއޭ) ތަރައްގީ ކުރާނެ ބަޔަކު ހޯދަން އިންޑިއާ އެގްޒިމް ބޭންކުން ހުޅުވާލައިފި އެވެ.

އިންޑިއާގެ 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ގެ ކްރެޓިޑް ލައިނެއްގެ ދަށުން ހަދަން ނިންމާފައިވާ ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރާނެ ބަޔަކު ހޯދަން އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ އިއުލާނު ކޮށްފަ އެވެ، އެކަމަށް ޝައުގުވެރިވާ ފަރާތް ތަކުން ކުރިމަތިލާން ޖެހޭ ސުންގަޑިއަކީ އަންނަ މަހުގެ 22 ވަނަ ދުވަހެވެ.

ހަނިމާދޫ އެއާޕޯޓުގެ ޓާމިނަލް ފަރުމާ ކޮށްފައި ވަނީ މަޑިއެއްގެ ބައްޓަމަށެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއަކީ އިންޑިއާ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

އެއާޕޯޓް ތަރައްގީ ކުރަން ނިންމާފައި ވަނީ މެދުއިރު މައްޗާއި އިރުމަތީ އޭޝިއާ އަދި އެފްރިކާ އިން ސީފާ ފްލައިޓް ހަނިމާދޫއަށް ޖެއްސޭ ފެންވަރަށް އަހަރަކު 1.2 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ގޮތަށެވެ.

ހަނިމާދޫ އެއާޕޯޓް މަޝްރޫއު

  • ރަންވޭ 2،460 މީޓަރަށް ބޮޑު ކުރުން
  • ދިގު މިނުގައި 164 މީޓަރު، ފުޅާމިނުގައި 34 މީޓަރުގެ ދެ ޓެކްސީވޭ
  • އޭޕްރަންއެއް ހެދުން
  • އުޅަނދު ކައިރިކުރަން ވަކި ޖެޓީއަކާއި ފިއުލް ފާމެއް
  • ޕާކިން އޭރިހާ ހެދުން

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އިންޑިއާއިން ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެނެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިމޭއިރު އެއާބަސް އޭ 320 މަރުކާގެ މަތިން ދާބޯޓްތަކާއި ބޮއިން 737 މަރުކާގެ ބޯޓު ޖެއްސޭނެ އެވެ.

އަދި ދެވަނަ ފިޔަވަހި ނިމޭއިރު، އެއާބަސް އޭ 330 މަރުކާގެ މަތިންދާބޯޓުތަކާއި ބޮއިން 777 މަރުކާގެ ބޯޓުތައް ޖެއްސޭ ވަރަށް ތަރައްގީ ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.