ފޮރިން އިންވެސްޓްމެންޓް

ބޭރުގެ ކުންފުނިތަކަށް އެއާޕޯޓް ހިންގޭ ގޮތަށް ޕޮލިސީ ބަދަލު ކޮށްފި

Jun 13, 2021
12

ބޭރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނި ތަކަށް ރާއްޖޭގެ އެއާޕޯޓުތައް ހިންގަން މަގުފަހިވާ ގޮތަށް ފޮރިން އިންވެސްޓްމަންޓް ޕޮލިސީ އިސްލާހު ގެނެސް، ގެޒެޓް ކޮށްފި އެވެ.

އިންޑިއަން އެގްޒިމް ބޭންކުން އުތުރުގެ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އިންވެސްޓް ކުރަން ނިންމާފައިވާ ވަގުތެއްގައި ސަރުކާރުން ފޮރިން އިންވެސްޓްމަންޓް ޕޮލިސީ އަށް އިސްލާހު ގެނެސް މިއަދު ގެޒެޓް ކޮށްފައިވާ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައި) ޕޮލިސީގައިވާ ގޮތުން 100 ޕަސެންޓް ބޭރު ކުންފުނިތަކަށް މިހާރު އެއާޕޯޓް ހިންގަން މަގުފަހި ވެގެން ދާނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިދިޔަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު އެފްޑީއައި ޕޮލިސީގެ އެނެކްސް އެކެއްގެ ކޯޑު H3 އަށް ގެނައި ބަދަލުގައިވާ ގޮތުން ކުރިން އޮތީ ފްރެއިޓް ހިދުމަތް ވެސް ހިމެނޭ ގޮތަށް، ރާއްޖޭގައި މި ހިދުމަތް ދެވޭނީ ބޭރުގެ 75 ޕަސެންޓްވާ ކުންފުނިތަކަށެވެ. އަދި ފަސް އަހަރު ދުވަހަށް ހިންގާނަމަ ވެސް ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރަން ޖެހެ އެވެ.

ނަމަވެސް މިހާރު ގެނެސްފައިވާ ބަދަލާއެކު އެއާޕޯޓް ހިންގައި މެނޭޖު ކުރުމުގެ ބާރު ލިބިގެން ދާނެ އެވެ، މީގެ އިތުރުން ރަންވޭ އާއި ޕެސެންޖަރު ޓާމިނަލް ހިމެނޭ ގޮތަށް އެއާ ޓްރެފިކް ކޮންޓްރޯލުގެ ހިދުމަތާއި ގްރައުންޓް ސާވިސް އާއި އެއާފީލްޑުގެ ހިދުމަތްވެސް ބޭރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏަކަށް ދެވިދާނެ އެވެ. އަދި މި ހިދުމަތް ދޭން 50 އަހަރަށް އެއާޕޯޓް ކުއްޔަަށް ދެވޭނެ އެވެ.

ސަތޭކަ ޕަސެންޓް ބޭރު ކުންފުނިތަކަށް އެއާޕޯޓުގައި އިންވެސްޓްކޮށް ހިންގޭ ގޮތަށް އެފްޑައި ޕޮލިސީ އިސްލާހު ކުރިއިރު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން އެ ބަނދަރު ތަރައްގީ ކުރަން އަންނަ ޖުލައި މަހުގެ ތެރޭގައި ބަޔަކު ކަނޑައަޅައި ކޮންޓްރެކްޓް ހަވާލު ކުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ވަނީ ބުނެފަ އެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަލުން ތަރައްގީ ކުރާނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރަށް ފޯރު ކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ދަށުންނެވެ. - އެއީ ލޯނެކެވެ.

މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތައް ކުރާނީ އިންޑިއާގެ ކުންފުނިތަކުންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މި މަޝްރޫއުގެ ކޮންސަލްޓެންޓް، އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) އިން ވަނީ މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖްކްޓް ރިޕޯޓް (ޑީޕީއާރް) ގެ މަސައްކަތް ފުރިހަމަކޮށް ހުށައަޅާފަ އެވެ. ޑީޕީއާރް މަސައްކަތްތަކަށް ހަރަދު ކޮށްފައި ވަނީ އިންޑިއާ ސަރުކާރުގެ 750،000 ޑޮލަރުގެ ގްރާންޓެއް މެދުވެރި ކޮށެވެ. އަދި ދިވެހި ސަރުކާރުން ވަނީ ޑީޕީއާރްގެ މަސައްކަތްތައް ބަލައިގެންފަ އެވެ.

މި އެއާޕޯޓުގެ އިތުރުން އައްޑޫ، ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރަން ކޮންސަލްޓެންސީގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގަ އެވެ.